ފްރާންސް އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާ އެތްލީޓުންނާ ދިދަ ހަވާލުކޮށްފި

3 months ago

އަފްރާހް

ފްރާންސް އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާ އެތްލީޓުންނާ ދިދަ ހަވާލުކޮށްފިއެވެ.


މި މުބާރާތުގައި ރާއްޖޭގެ ދިދަ އުފުލާނީ ފާތިމަތު ދީމާ ޢަލީއާއި އިބާދުﷲ އާދަމް އެވެ. މި ދެ އެތްލީޓުންނާ ދިދަ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.


ދީމާއަކީ ރާއްޖޭގެ ކުޅިވަރު ތާރީޚުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސް އަށް ކޮލިފައިވެގެން ވާދަކުރާ ފުރަތަމަ ކުޅުންތެރިޔާއެވެ. އުމުރުން 16 އަހަރުގެ ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވީ ދެކުނު އޭޝިއާގެ ކޮލިފައިން ބުރުގައި ވާދަކޮށްގެންނެވެ.


އިބާދުﷲ ވަނީ އެތުލެޓިކްސް އެސޯސިއޭޝަނުން ބެލި ޓައިމް ޓްރަޔަލްސްތަކުގައި އެންމެ ރަނގަޅު ނަތީޖާ އެއް ނެރުނު އެތުލީޓެވެ.


މި ޖުލައި 26 އިން އޮގަސްޓް 11 ވަނަ ދުވަހަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭން ބައިވެރިވަނީ ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިންގ އަދި ޓޭބަލް ޓެނިހުގައެވެ.


މިފަހަރުގެ އޮލިމްޕިކްސްގައި ބެޑްމިންޓަނުން ވާދަކުރާ ފާތިމަތު ނަބާހާއަކީ ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓެވެ. އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓުގައި ރާއްޖެ ތަމްސީލުކުރަނީ މުޙައްމަދު އާން ޙުސައިން އަދި ޢާއިޝަތު ޢުލްޔާ ޝާއިޤްއެވެ.


ރާއްޖެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަންގެ ގޮތުގައު ހަމަޖައްސާފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދެވެ.


ކިޔުންތެރިންގެ ހިޔާލު