ބަންގްލަދޭޝްގައި ތިބި ދިވެހީންގެ ހާލު މިދަނީ ވަަރަށް ގާތުން ބަލަމުން: މިނިސްޓްރީ

3 months ago

އަފްރާހް

ބަންގްލަދޭޝްގައި ތިބި ދިވެހީންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.


އެ މިނިސްޓްރީން މިފަދައިން ވިދާޅުވީ އެގައުމުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.


ފޮރިން މިނިސްޓްރީން ވަނީ އެގައުމުގައި ތިބި ހުރިހައި ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށް ވިދާޅުވެފައެވެ. އަދި އެގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ 90 ދަރިވަރުންނާއި އާއިލާތަކާއި އެކި ކަންކަމުގައި ބަންގްލަދޭޝްގައި ތިބި ދިވެހިންނަށް ގުޅައި، ހާލު ބަލަމުން އަންނަކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން އެ ފަރާތްތަަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެގޮތުން ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު، އެނބުރި ރާއްޖެ އަންނަން އެދިފައިވާ ކަމަށް ވިދާޅުވިއެވެ. އެކުދިން ރާއްޖެއަންނަން ބޭނުންވީ އެ ސްކޫލްތައް ބަންދުކުރުމުން ކަމަށް ވިދާޅުވެއެވެ.


އެހެންކަމުން އެ ދެ ދަރިވަރުން ބަހުގައި، ބަންގްލަދޭޝް ބޯޑަރު ހުރަސްކުރުމުގައި ބަންގްލަދޭޝް ގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާއި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އެހީތެރިކަން ފޯރޮކޮށްދީފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.


ފޮރިން މިނިސްޓްރީން ވަނީ ބަންގްލަދޭޝްގައި މިވަގުތު ކާފިއު އިއުލާން ކޮށްފައިވާތީ އެގައުމުގެ ސަރުކާރާއި އެގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމަށް ފޮރިން އިލްތިމާސް ކުރައްވާފައެވެ.


މީގެއިތުރުން އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް (880 1329 748 885+ / 880 1708 120 318+) ފޮރިން މިނިސްޓްރީން އެދިލައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު