ޑޮކްޓަރީ ބޭހުން ތަޣައްޔަރުވެފައިވާ މާމުއި ރާއްޖޭގެ މާކެޓުގައި އަނެއްކާވެސް ދައުރުވަނީ

3 months ago

އަފްރާހް

ޑޮކްޓަރީ ބޭހުން ތަޣައްޔަރު ވެފައިވާ މާމުޔެއް ރާއްޖޭގެ މާކެޓުގައި ވިއްކަމުން ދާކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ސަމާލުކަމަށް އައިސްފިއެވެ.


އެ އޮތޯރިޓީން ނެރުއްވި ބަޔާނެއްގައި ވަނީ މިއީ "ބްލެކް ހޯސް" ނަމަކަށް ކިޔާ މާމުޔާއި "ރޯޔަލް ހަނީ" ކިޔާ މާމުއި ކަމަށެވެ.


މިބާވަތުގެ މާމުއި ވިއްކަނީ ރާއްޖޭގެ އޮންލައިން ޕޯޓަލްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކަމަށެވެ. އަދި މި މާމުއީގައި ބޭހުގެ މާއްދާއެއް ކަމަށްވާ ޓަޑަލަފިލް އާއި ސިލްޑެނަފިލް އެކުލެވޭ ކަމަށް އެ ބަޔާނުގައި ވެއެވެ.


އެމްއެފްޑީއޭ އިން ވިދާޅުވީ މިއީ ޔޫއެސް އެފްޑީއޭއިން ވެސް ރައްކާތެރި ނޫންކަމަށް ފާހަގަކޮށްފައިވާ އުފެއްދުމެއް ކަމަށެވެ.


ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުން ކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތުގައި ފުރާނައަށް ވެސް ނުރައްކާވާފަދަ ކަމެއްކަމުގައި އެ އޮތޯރިޓީން ފާހަގަކުރައްވައެވެ.


އެހެންވެ، މިފަދަ އުފެއްދުމެއް ބޭނުންކުރުމުން ލިބިދާނެ ސިއްހީ ގެއްލުމަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކާ މިފަދަ އުދެއްދުންތައް އިމްޕޯޓް ކުރުމާއި ވިއްކުމަކީ މަނާ ކަމެއްކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.


މިއީ މި މާމުއި މިގޮތަށް ރާއްޖޭގައި ވިއްކާ ދެވަނަ ފަހަރުކަން ފާހަގަކުރައްވައި، އެމްއެފްޑީއޭ އިން ވިދާޅުވީ 2022 ވަނަ އަހަރު ވެސް މި މާމުއި ރާއްޖޭގައި ދައުރުވުމުން އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު