5 months ago
ޤައުމުން ލިބެންހުރި ވަސީލަތްތަކާއި ނަފާ ބޭނުންކޮށްގެން އާބާދީއަށް އަންނަމުން މިދާ ބަދަލުތަކަށް ދުރާލާ ތައްޔާރުވާން ޖެހޭކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
"ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް" މި ތީމުގެ ދަށުން ބޭއްވި 11 ވަނަ ފައިނޭންސް ފޯރަމްގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ދުވަސްވީ އާބާދީއަކަށް ތައްޔާރުވުމަކީ މިހާރުއްސުރެ އަޅުގަނޑުމެން ފަށަންޖެހޭ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ޤައުމުން ލިބެންހުރި އިންސާނީ ވަސީލަތްތަކާއި ޤައުމަށް ލިބެންހުރި އާމްދަނީ އަދި ނަފާ ބޭނުންކޮށް މިހާރުއްސުރެން މަސައްކަތްކޮށްގެން މި ގޮންޖެހުންތަކަށް ފުރިހަމައަށް ތައްޔާރުވެވިއްޖެނަމަ، މިއީ ޤައުމުގެ އިޤުތިސާދީ އަދި އިޖުތިމާޢީ ދުވެލި އާ މިސްރާބަކަށް ބައްޓަން ކުރުމަށް ލިބޭ ހާއްސަ ފުރުސަތެއް." ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ޒުވާނުންގެ ބޮޑު އާބާދީއެއް މި ވަގުތު އެބަ އޮތްކަން ފާހަގަކުރައްވައި ވަނީ މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ކަމާގުޅޭ އެންމެހާ ފަރާތްތަކަށް ގޮވައިލައްވާފައެވެ.
ވަޒީރު އިތުރަށް ވަނީ ހެޔޮވެރިކަމާއި ދެފުށްފެންނަ ސިޔާސަތެއްގެ ތެރެއިން އިގްތިސާދީ، އިޖުތިމާޢީ އަދި އީޖާދީ މަގުޗާޓަކާއެކު، ޒުވާން އާބާދީ ކުރިއެރުވޭނެ ހިތްވަރާއި ގާބިލުކަން ރާއްޖޭގައި ހުރިކަން ވެސް ފާހަގަކުރައްވާފައެވެ. މިގޮތުން ޒުވާން މަސައްކަތްތެރިން ކުރިއަރުވައި، އެފަރާތްތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރު ތަރައްގީ ކުރެވޭނެ ގޮތްތައް ރާވައި، ޒުވާނުންނަށް ފަހި ވަޒީފާގެ ފުރުސަތުތަކުގެ ތެރެއިން އިގްތިސާދީ ދުވެލި ހަލުވިކުރުމަށް ވެސް ވަނީ ގޮވައިލައްވާފައެވެ. އަދި ޒުވާނުންނަކީ މާލީ ގޮތުން ޒިންމާދާރު، މަސައްކަތްތެރި، އަދި ގައުމީ ކުރިއެރުމަށް ޖޯޝާއެކު މަސައްކަތްކުރާ ބަޔަކަށް ހެދިދާނެކަމަށް ވެސް ވިދާޅުވިއެވެ.
މިގޮތުން މި ޒުވާން އާބާދީގެ ބޭނުން ފުރިހަމައަށް ކުރުމަށް މި ސަރުކާރުން ދަނީ ރޭވުންތެރިކަމާއެކު އިސްތިރާޖީ މަސައްކަތްތަކެއް ކުރަމުން ކަމަށާއި ޒުވާނުންނަކީ މިއަދުގެ ލީޑަރުން ކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި އެންމެހައި މަސައްކަތްތަކުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި އިޖުތިމާޢީ ފޭރާމަށް އަންނާނެ 'މަލްޓިޕްލަޔަރ އިފެކްޓް' ވަރަށް ބޮޑުވާނެ ކަމުގެ ޔަޤީންކަން ވެސް އެކަމަނާ އެރުވިއެވެ.