ރައީސްގެ ވައުދުފުޅާ އެއްގޮތަށް ފެންވަރު ރަނގަޅު ބޭސް ހެޔޮ އަގުގައި ލިބޭނެކަން ކަށަވަރުވެއްޖެ

3 months ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ސަރުކާރުގެ ފަރާތުން ޔޫރަޕް ކޮލިޓީގެ ބޭސް ފުރަތަމަ ފަހަރަށް ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފިއެވެ.


މިކަމާއިގުޅިގެން ކަމާއި ގުޅުންހުރި ސަރުކާރުގެ އިދާރާތަކުން ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވަނީ ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން އެއްފަހަރާ ގިނަ އަދަދެއްގެ ބޭސް ގެންނަން ޔޫއެންޑީޕީ އާއި އެސްޓީއޯއާ ހަވާލުކޮށް، އޭގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.


ސީދާ ބޭސް އުފައްދާ ކުންފުނިތަކުން ބޭސްގަނެގެން ރާއްޖެ ގެންނަގޮތަށް ހަމަޖައްސާފައިވާއިރު، ބޭސް އުފެއްދުމުގެ މަރުހަލާއިން ފެށިގެން ބަލިމީހާގެ އަތަށް ބޭސް ލިބުމާހަމައަށް ބޭހުގެ ރައްކާތެރިކަމާއި ކޮލިޓީ ދިވެހިސަރުކާރުން ކަށަވަރުކުރާނެއެވެ. އަދި ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހައި ބޭހެއް، މިނިޒާމުގެ ތެރެއިން ދަތިކަމެއް، މެދުކެނޑުމެއްނެތި ލިބޭނެކަން ވެސް ސަރުކާރުން ކަށަވަރުކުރާނެއެވެ.


މި ބޭސްތައް ދެ މަރުހަލާއަކަށް ބަހާލައިގެން ރާއްޖެ ގެނައުމަށް ނިންމާފައިވާއިރު، ފުރަތަމަ މަރުހަލާގައި މިއަހަރު ފުރަތަމަ 7 ބޭސް ދައުރުކުރަން ފަށާނެއެވެ. އަދި ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ފުރިހަމަ ކުރާއިރު، އެއަށްފަހު އިތުރު 3 ބޭސް ދައުރު ކުރާނެއެވެ.


ދެވަނަ މަރުހަކާގައި ގިނަ ބޭސްތައް ބަލްކް ޕްރޮކިއުމަންޓް ކުރުމަށް ނިންމާފައިވާއިރު، ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހައި ބޭހެއް ނިޒާމުގެ ތެރެއަށް ގެނައުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު