ޕޮލިސް ސްޓޭޝަން އެހެން އިމާރާތަކަށް ބަދަލުކޮށްދެއްވާ: ނޮޅިވަރަންފަރު ކައުންސިލު

3 months ago

އަފްރާހް

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގެ ތަރައްގީ އަށް ބޭނުންވާ ކަންކަން ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އަށް ދަންނަވައިފިއެވެ.

އެމަނިކުފާނަށް މިކަންކަން ދެންނެވީ އެރަށު ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

‎މި ބައްދަލުކުރެއްވުމުގައި އެރަށު ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ދަތި މައްސަލަތައް ނައިބާ ހިއްސާ ކުރައްވާފައެވެ.

އެގޮތުން ރަށުގައި އަލަށް ހަދާފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާ ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި ފުޓްބޯޅަ ދަނޑާއި ފުޓުސަލް ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދެއްވުމަށް ދެންނެވިއެވެ.

މީގެއިތުރުން މަގު ހެދުމާއި ސުކޫލުގެ އާ އިމާރާތުގެ މަޝްރޫއު ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވާކަމާއި، މިހާރު ހުރި ޕޮލިސް ސްޓޭޝަން އެހެން އިމާރާތަކަށް ބަދަލުކުރުމަށާއި އޭ.ޓީ.އެމްގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިލައްވާފައެވެ. އަދި ރަށުގެ ބަނދަރުގެ ނެރު ފުންކުރުމާއި، ރަށުގައި ކުނި މެނޭޖުކުރާނެ ގޮތެއްނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ސިއްހީ މަރުކަޒް ޚިދުމަތްތައް ރަނގަޅުކުރުމާއި ބޭސްލިބުމުގައި ކުރިމަތިވާ ދަތިތައް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރައްވައި ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި ތަރައްގީގެ ހުރިހާކަމެއް ވެސް ސަރުކާރާ ރައީސް ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން ނައިބު ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގެ ޔަގީންކަން ވެސް ނައިބ ރައިސް ވަނ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު