ރައީސް ސާލިހު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދާގުޅޭ މައްސަލަ ބާތިލު ކުރަނީ

3 months ago

އަފްރާހް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދާގުޅޭ މައްސަލަ ބާތިލު ކުރަން އެޓަރނީ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.


އެ އޮފީހުން ވިދާޅުވީ އެ ޚަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަަނަރު އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައި، ބަލަމުންދާ މައްސަލަ ބާތިލް ކުރުމަށް މިހާރުވާނީ ހުށަހަޅާފައި ކަަމަށެވެ.


އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް އެ ކޯޓުގެ ނަންބަރު ބަލަމުން ގެންދާ މި މައްސަލައަކީ، މައިގަނޑު ގޮތެއްގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 21 ވަނަ މާއްދާ އާއި 76 ވަނަ މާއްދާގެ (ނ) ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކުރާ ގޮތާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުއްވުމަށް އިސްތިއުނާފުކުރި މައްސަލައެއް ކަމަށެވެ.


އެހެންނަމަވެސް ހައިކޯޓުގެ ނިންމުން އަލުން ދިރާސާ ކުރުމަށްފަހު، ސުޕްރީމް ކޯޓުން ބަލަމުން ގެންދާ އެ މައްސަލަ އަނބުރާ ގެނައުމަށް މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މި ނިންމުމާ އެއްގޮތަށް މި މައްސަލައިގެ އިސްތިއުނާފު ފޯމު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.


މީގެއިތުރުން ހައިކޯޓުން ނިންމާފައިވާ ގޮތުގެ މަތިން، އެ މައުލޫމާތުތައް މައުލޫމާތަށް އެދުނު ފަރާތަށް ހިއްސާ ކުރުމަށް ރައީސް އޮފީހަށް ލަފާ އަރުވާފައި ވާނެ ކަަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ރައީސް ސޯލިހް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ސަރުކާރުން ކުރި އެންމެހައި ހަރަދުތަކާ ގުޅޭ ރަސީދުތަކުގެ ކޮޕީ ހޯދަން އެދުނު ފަރާތަކަށް މައުލޫމާތު ހިއްސާ ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމައި، އަދި އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި 2022 ވަނަ އަހަރުގެ މާރޗު 20 ގައި ހައިކޯޓަށް މައްސަަލަ ހުށަހެޅިއެވެ. އަދި އެ ކޯޓުން ނިންމާފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމަށް ބަދަލު ގެންނަން ޖެހޭނެ ތަނެއް ނެތް ކަމަށް ނިންމާފައެވެ.


އެ ނިންމުން އިސްތިއުނާފު ކުރުމަށް ރައީސް އޮފީހުން އޭރު އެދުމުން، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އެޓަރނީ ޖެނެރަލް އޮފީހުން ހުށަހަޅާފައިވަނީ މި ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު