ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީ މުބާރާތް ކިރްގިސްތާނަށް

2 months ago

އަފްރާހް

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތް ކިރްގިސްތާނުން ކާމިޔާބުކޮށްފިއެވެ.


މި މުބާރާތުގެ ޗެމްޕިއަންކަން އެގައުމުން ހޯދީ ރޭ ކުޅުނު ފައިނަލު މެޗުގައި ސްރީލަންކާ ބަލިކުރުމަށްފަހުއެވެ.


ރޭންކިންގ ގެ އެއްވަނަ ހޯދައިގެން ފައިނަލަށް ދަތުރުކުރި ލަންކާގެ މައްޗަށް ކިރްގިސްތާނުން ކުރީ ހޯދީ ސީދާ ތިން ސެޓުންނެވެ.


މި ދެޓީމު މި މުބާރާތުގައި މީގެކުރިން ވެސް ވާދަކޮށްފައިވާއިރު، އެ މެޗު ވާދަވެރި ކުޅުމަކަށްފަހު 3 ސެޓު 2 ސެޓުން ކާމިޔާބުކުރީ ލަންކާއެވެ. ނަމަވެސް ރޭގެ ފައިނަލު މެޗުގައި ލަންކާއަށް އެކުޅުން ދެއްކިފައެއް ނުވެއެވެ.


ފައިނަލު މެޗުގެ ފުރަތަމަ ސެޓު 26-28 ން އަދި ދެވަނަ ސެޓު 25-17 ކިރްގިސްތާނު ގެންދިޔައިރު، ތިންވަމަ ސެޓު ގެންދިޔައީ 19-25 ންނެވެ.


މި މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ކިރްގިސްތާނުގެ ރޯޒާ، ސައިކަލް، އައިތުރްގަން، ސްރީލަންކާގެ ޗަތުރި، ލޮކޫ ވިޖެސިންގަލަގާ އަދި ލަންކާގެ ސެސަންދީ ރުވަންޔާ އެވެ.


މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ކިރްގިސްތާނުގެ ރޯޒާ ހޮވުނުއިރު، މުބާރާތުގެ ފެއާޕްލޭ ޓީމަކީ ރާއްޖެއެވެ. އަދި މުބާރާތުގެ ތިންވަނަ ޓީމަކީ ނޭޕާލެވެ.


ޖުމްލަ ހަތަރު ޓީމާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. 


ކިޔުންތެރިންގެ ހިޔާލު