ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި ވަސީލަތްތައް ދިރުވާ، ނަފާ ހޯދުމަށް ރައީސް އިސްކަންދެއްވާ: ޝިޔާމް

3 months ago

އަފްރާހް

ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި ކަނޑުގެ ވަސީލަތްތައް ދިރުވާ، އެއިން މަންފާ ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއްދެއްވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.


މިނިސްޓަރ މިފަދައިން ވިދާޅުވީ 5 ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަދައްކަވަމުންނެވެ.


އެމަނިކުފާނު ވަނީ ސަރުކާރުގެ އަމާޒަކީ ކަނޑުގެ ވަޞީލަތްތަކާ ބެހޭގޮތުން ކުރެވޭ ދިރާސާތައް އިތުރުކޮށް، ދިރާސާވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ދިރާސާ ކުރެވޭނެ މަގުފަހިކޮށްދެއްވުންކަމަށް ވެސް ވިދާޅުވެފައެވެ.


މީގެއިތުރުން ކަނޑުތަކާބެހޭ ދިރާސާތައް ކުރިއަށްގެންދާއިރު ރާއްޖޭގައި އެފަދަ ދިރާސާތައް ހެދުމަށް އޮންނަ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދިރާސާތައް ކުރިއަށްގެންދިއުމަށް ވެސް މިނިސްޓަރ ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ.


މި ސިމްޕޯސިއަމްއާއެކު ކަނޑުގެ ވަސީލަތްތަކާ ބެހޭގޮތުން ދިރާސާކުރާ ދިވެހި ސައިންސްވެރިންނާއި ބޭރުގެ ސައިންސްވެރިންނާ ބައްދަލުވެ، ގިނަ ތަޖުރިބާތަކެއް ލިިބިގެންދާނެކަން ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.


މިއީ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން އިސްނަގައިގެން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސިމްޕޯސިއަމެކެވެ. މި ސިމްޕޯސިއަމްގައި ދިވެހި ސައިންސްވެރިންނާއި ބޭރުގެ ސައިންސްވެރިން ބައިވެރިވެ، ދިރާސީ ކަރުދާސްތައް ހުށަހަޅާނެއެވެ. އެގޮތުން މިފަހަރު 92 ދިރާސީ ކަރުދާސް ލިބިފައިވާކަމަށް އެމްއެމްއާރުއައި އިން ހާމަކުރައްވައެވެ.


މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސެންޓްރަލް އޯޑިޓޯރިއަމްގައި މިމަހުގެ 24 އިން 25 އަށް ކުރިއަށްދާ މި ސިމްޕޯސިއަމްގައި 1984 ވަނަ އަހަރު އުފެދުނު މެރިން ރިސަރޗް އިންސްޓިޓިއުޓަށް 40 އަހަރު ފުރުންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ކަނޑުގެ ދިރުންތަކާއި ވަސީލަތްތަކާއި ފަޅުތަކާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ބުލެޓިން ްވެސް މިނިސްޓަރ އަޙްމަދު ޝިޔާމް ވަނީ ނެރެދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު