ޒަމާނީ ވަސީލަތްތަކާއެކު ކިނބިދޫގައި ކުނި މެނޭޖުކުރާ ނިޒާމު އިފްތިތާހުކޮށްފި

2 months ago

އަފްރާހް

ޒަމާނީ ވަސީލަތްތަކާއެކު ތ. ކިނބިދޫގައި ކުނި މެނޭޖުކުރާ ނިޒާމު އިފްތިތާހުކޮށްފިއެވެ.


މިއީ ސަރުކާރުން ކުރިއަށްގެންދާ 'މަގޭ ސާފު ރާއްޖެ' ޕްރޮގްރާމްގެ ދަށުން، ދިވެހި ދައުލަތުގެ ބަޖެޓުންނާއި ވަރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން ޚަރަދުކޮށްގެން ގާއިމުކުރެވިފައިވާ ނިޒާމެކެވެ.


އެރަށުގައި މިހާރު ގާއިމުކުރެވިފައިވާ މި މަރުކަޒަކީ އެންމެ ޒަމާނީ ފެންވަރުގެ ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒެއްކަަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ވިދާޅުވިއެވެ. އަދި އެތަން ފަރުމާކުރެވިފައިވަނީ ރަށުގައި އުފެދޭ ތަފާތު ބާވަތްތަކުގެ ކުނި ވަކިން މެނޭޖުކުރެވޭނެ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން މިތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރައްކާތެރި އަދި ތަނަވަސް މާހައުލެއް ގާއިމުކުރެވިފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.


މި މަރުކަޒުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތަށް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ މެޝިނަރީތަކާއި އާލާތްތައް ވެސް ފޯރުކޮށްދީފައިވާ ކަމަށާއި އެގޮތުން މަލްޓި ޕަރޕަސް ބޭލަރ، ކާދު ހަދާ މެޝިން، ގްލާސް ކްރަޝަރ އަދި އެކި ސައިޒުގެ ޑަސްބިން ހިމެނޭ ކަަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.


ހަމަމިއާއެކު މުވައްޒަފުންގެ ރައްކާތެރިކަމަށް ބޭނުންކުރާނެ ވަސީލަތްތަކާއި ކުނި ގެންގުޅުމުގައި ބޭނުންކުރާނެ ތަފާތު އާލާތްތައް ވެސް ފޯރުކޮށްދީފައިވާ ކަަމަށް ވިދާޅުވިއެވެ.


އެ މިނިސްޓްރީން އިތުރަށް ވިދާޅުވީ އެރަށުގައި މި ނިޒާމު ގާއިމުކުރެވުމާއެކު، ކުނީގެ މައްސަލަ ހައްލުވެ، ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަަމަށެވެ. މި މަޝްރޫއުގެ ސަބަބުން ރަށުގެ ސާފުތާހިރުކަން އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވޭ ކަަމަށް ވެސް ވިދާޅުވިއެވެ.


މި މަރުކަޒުގައި ދުވާލަކު 200 ކިލޯގްރާމްގެ ފަނާވާ ޒާތުގެ ކުނި ޕްރޮސެސްކޮށް ކާދަށް ބަދަލުކުރެވޭނެ ބަޔޯ ވޭސްޓް ޓްރީޓްމަންޓް ސިސްޓަމެއް ވަނީ ގާއިމުކުރެވިފައެވެ. މި ސިސްޓަމްގެ ސަބަބުން އެންމެ 15 މިނެޓުގެ ތެރޭގައި ރޯ ކޮމްޕޯސްޓް ހެދި، 10 ދުވަހުގެ ތެރޭގައި ފުރިހަމައަށް ފައްކާވެފައިވާ ކާދު އުފެއްދޭނެއެވެ.


މީގެއިތުރުން ރަށުގެ ގޭގެއާއި ވިޔަފާރިތަކާއި މުވައްސަސާތަކުން އުފެދޭ ކުނި ޖަމާކުރުމަށް ބޭނުންވާ ވެހިކަލެއް ވެސް ވަނީ ކައުންސިލާ ހަވާލުކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު