ފަންނާނުންގެ ފަރި ހަރަކާތްތަކާއެކު 'ތަރިންގެ ރޭ" މިރޭ އޮލިމްޕަހުގަ

2 months ago

އަފްރާހް

ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުން އަމިއްލައަށް އިސްނަގައިގެން ބާއްވާ 'ތަރިންގެ ރޭ" ޝޯވ މިރޭ އޮންނާނެއެވެ.


މި ހަރަކާތް ރޭވުމުގައި އިސްކޮށް އުޅުއްވާ ކުޅަދާނަ ޑައިރެކްޓަރ ފާތިމަތު ނަހުލާ 'މުނިއަވަސް' އަށް މީގެކުރިން ދެއްވާފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ މި ޝޯވ ފެށިގެންދާނީ ރެޑްކާޕެޓް އިވެންޓެއްގެ ގޮތުގައި ތަފާތުތަކަކާއެކުގައި ކަމަށެވެ. އަދި މިޝޯވ ގައި ވަރަށް ގިނަ ފަންނާނުންގެ ވަރަށް ތަފާތު އައިޓަމްތަކެއް ފެނިގެންދާނެ ކަމަށެވެ.


ނަހޫ ވިދާޅުވެފައިވަނީ ދެ ޝޯވ ބޭއްވުމަށް ނިންމާފައިވީނަމަވެސް އޮލިމްޕަސް ނުލިބުމުގެ ސަބަބުން މިހާރުބޭއްވުމަށް ނިންމާފައިވަނީ އެންމެ ޝޯވއެއް ކަމަށެވެ.


މިފަދަ ޝޯވ އެއް ބޭއްވުމުގެ މަގްސަދެއްކަމުގައި ނަހުލާ ވިދާޅުވީ ދިވެހު ފަންނާނުން އީދު ޝޯވތަކުގައި ރަށްރަށުގައި ހުށައެޅި ވަރުގަދަ ހުށައެޅުންތައް ހިމަނައިގެން އެއަށްވުރެވެސް ވަރުގަދަ ޝޯވއެއް މާލޭގައި ބޭއްވުން ކަމަށެވެ. މިކަހަލަ ޝޯވތަކަކީ އާންމުގޮތެއްގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ނުފެންނަ ޝޯވތަކަކަށްވާތީ، އެ ފުރުސަތު ވެސް ހޯދައިދިނުން ކަމަށެވެ.


ޝޯވގެ ޓިކެޓް މިހާރު ވިއްކަމުން އަންނައިރު، ފުރަތަމަ ހަތަރުބަރީގެ ޓިކެޓުގެ އަގަކީ 300 ރުފިޔާއެވެ. އަދި އެހެން ހުރިހައި ތަނަކުން 200 ރުފިޔާއަށެވެ. މި ޝޯވ އާއި ގުޅޭ އިތުރު މައުލޫމާތު 7734533 ނުވަތަ 7782484 ނަމްބަރު ފޯނަށް ގުޅުމުން ލިބޭނެއެވެ. 


ކިޔުންތެރިންގެ ހިޔާލު