ކޮނޑޭ ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުމަކީ ޤުރްއާން ޓީޗަރެއް ނެތުން

2 months ago

އަފްރާހް

"ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ގއ. ކޮނޑޭގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ޢާއިލާތަކުގެ ހާލު ބަލައިފިއެވެ.


މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.


އެ ވުޒާރާ އިން ވިދާޅުވީ އެރަށުގެ އާބާދީއަކީ 619 މީހުން ކަމަށާއި ރަށުގައި ޖުމްލަ ހުންނަނީ މީހުން ދިރިއުޅޭ 57 ގޭބީސީ ކަމަށެވެ. އަދި "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން މި ހުރިހައި ގޭބީސީއަކަށް ޒިޔާރަތްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން އެރަށުގައި ނުކުޅެދުންތެރިކަން ހުންނަ 07 ފަރާތަކާއި އުމުރުން 65 އަހަރުން މަތީގެ 27 މީހުން ތިބިކަން ދެނިގަނެވިފައިވާކަން ވެސް އެ ވުޒާރާ އިން ފާހަގަކުރައްވައެވެ. އަދި މި ހުރިހައި ފަރާތްތަކަށް ވެސް ދައުލަތުގެ ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން މިހާރު ލިބެމުންދާކަން ކަށަވަރުކުރެވިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.


ކޮނޑޭގެ ގެތަކަށް ކުރި ޒިޔާރަތަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ރައްޔިތުން ކަންބޮޑުވާ އިޖުތިމާޢީ ބޮޑު މައްސަލައެއް ނެތްކަން ވަނީ ފާހަގަކުރެވިފައިވާ ކަަމަށާއި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ރައްޔިތުންގެ ފަރާތުން ފާހަގަކޮށްފައިވަނީ ދާއިމީ ގޮތެއްގައި ރަށުގައި ހުރެގެން ކިޔަވައިދޭނެ ޤުރުއާން ޓީޗަރެއް ނެތުމުގެ މައްސަލަކަން އެ ވުޒާރާ އިން ވިދާޅުވިއެވެ.


މިކަން ޙައްލުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ތައުލީމީ ވުޒާރާގެ ކަމާ ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރެވިފައެވެ.


"ހާލު ކިހިނެއް؟" ޕްރޮގްރާމު މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭގައި ކުރިއަށް ދާއިރު، މި ޕްރޮގްރާމަށް އަތޮޅުތެރެއިން ވެސް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު