ދީމާ ރާއްޖެ އައުމުން ހޫނު މަރުހަބާއެއް

5 months ago

އަފްރާހް

ރާއްޖޭގެ އެއްނަމްބަރު ޓީޓީ ކުޅުންތެރިޔާ އަދި ރާއްޖެއިން އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ އެތްލީޓް ފާތިމަތު ދީމާ ޢަލީ ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.


ދީމާ އޮލިމްޕިކްސް އަށް ކޮލިފައިވީ ނޭޕާލުގައި ކުރިއަށްދިޔަ ކޮލިފިކޭޝަންގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.


އުމުރުން 16 އަހަރުގެ ދީމާ އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙަމަދު އަބްދުލް ސައްތާރު (ޗަމްޕީ) އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިންނާއި މިނިސްޓްރީގެ އިސްވެރިންނެވެ.


ދީމާ އަށް މަރުހަބާ ކިޔުމުގެގޮތުން ސޯޝަލް ސެންޓަރުގައި ހާއްސަ ހަރަކާތެއް ބާއްވާފައިވާއިރު، ޓީޓީ އެސޯސިއޭޝިއަންގެ ރައީސް އަލީ ރަޝީދު ވިދާޅުވީ މިއަދު މި ފާހަގަކުރަނީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ދިޔަ ދުވަސް ކަމަށެވެ.


މި ކާމިޔާބީ ހާސިލުކުރެވުނީ 10 އަހަރު ދީމާއަށް ވަކި ޚހާއްސަ ފޯކަސްއެއް ކޮށްގެން ކުރެވުނު މައްސައްކަތުން ކަމަށާއި ދީމާ ތަމްރީނު ހޯދި ގައުމުތަކުން މި ކާމިޔާބީގައި ހިއްސާ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.


ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވެފައިވާއިރު، މީގެ ކުރިން ރާއްޖޭގެ ކުޅުންތެރިން އޮލިމްޕިކްސްގައި ވާދަކޮށްފައިވަނީ ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް (ޓްރައިޕާޓައިޓް) ގެ ފުރުސަތުގައެވެ.


އެގޮތުން 1988 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސް، ފެތުން އަދި ބެޑްމިންޓަނުން ރާއްޖެއަށް ލިބޭ އިންވިޓޭޝަނަލް ފުރުސަތުތަކުގައި ދިޔައީ ބައިވެރިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު