މަޖީދީ ދަންމަރު މިއުޒިކް ޝޯވ އަށް ބޮޑު ތަރުހީބެއް

2 months ago

އަފްރާހް

މަޖީދިއްޔާ ސްކޫލުން ތައުލީމް ހާސަލްކޮށްފައިވާ ދަރިވަރުންގެ އިސްނަގައިގެން ބޭއްވި 'މަޖީދީ ދަންމަރު' މިއުޒިކް ޝޯވ އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.


މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ (މމދ ޖަމިއްޔާ) ގެ ރައީސް އަހްމަދު އަފްޢާލް 'އޮއިވަރު' އަށް ވިދާޅުވީ މި ޝޯވ އަށް ހީނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި މިފަދަ އިތުރު ޝޯވ އެއް ފަހުގެ ތާރީޚެއްގައި ބޭއްވުމުގެ މަޝްވަރާތައް ވެސް ކުރަމުން އަންނަކަަމަށެވެ.


މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރުމަށް، 1000 ދުވަހުގެ ކައުންޓްޑައުން ފެށުމާއި ގުޅުވައިގެން މި ޝޯވ ބާއްވާފައިވަނީ ޖުލައި 24 ވަނަދުވަހުގެ ރޭ މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން މާލަމުގައެވެ. ކައުންޓުޑައުން ފެށީ ޖުލައި 23 ވަނަ ދުވަހުގެ ރެއެވެ.


'މަޖީދީ ދަންމަރު' ޝޯވ ގައި މައިޒާން ޢަލީ މަނިކް، ޕެނަމާ ޝަފީޤް، ޝަމްޢޫން ޙަމީދު، އިބްރާހީމް ޢާމިރު، ފަޔާޒް މަންޞޫރު، މުޙައްމަދު ސުހައިލް ފަދަ ބޭފުޅުޅުންގެ ހުނަރު ފެނިގެންދާނެއެވެ. އަދި ޢަބްދު ޝަމާލް، އަޙްމަދު އަނިލް، އަޙްމަދު ޢާމިރު، އަޙްމަދު ސުނިލް، އަޙްމަދު ޢާތިފް (އެކްސްރޭ އާތިފް) ފަދަ ބޭފުޅުންގެ ކުޅަދާނަކަން ވަނީ ދައްކާލާފައެވެ.


މީގެއިތުރުން މަބާޙް އާއި ހައިރޭންޖުގެ ލަވަތައް ކިޔުމުގައި ރާއްޖޭގެ އެންމެފުންނާބު އުސް ލަވަކިޔުންތެރިޔާ ކަމުގައިވާ އަޙްމަދު އިބްރާހީމް (އައްމަޑޭ) ގެ ހުށަހެޅުންތައް ވެސް ފެނިފައިވާއިރު، އެކްސްރޭ އާތިފް ހުށަހަޅައިދިން ލަވައަށް ގިނަބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.


އާތިފް ހުށަހަޅައިދިން ލަވައަކީ އޭނާ އެންމެފުރަތަމަ ކިޔާފައިވާ ލަވައެވެ.


މި ޝޯވ އިން ލިބޭ ހުރިހައި ފައިސާ އެއް ޚަރަދުކުރުމަށް ނިންމާފައިވަނީ މމދ ޖަމިއްޔާ އަށެވެ.


އެ ސްކޫލަށް ގަރުނެއް (100 އަހަރު) ފުރޭ މުނާސަބާއާއި ގުޅުވައި، 1000 ދުވަހުގެ ކައުންޓްޑައުނެއް ފަށާފައިވާއިރު، މުނާސަބާ އާއި ގުޅިގެން މޮނިއުމެންޓެއް ބެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ. 


ކިޔުންތެރިންގެ ހިޔާލު