ރާއްޖޭގެ ދަރަނި ދެއްކުމުގައި ޗައިނާ އާއި އިންޑިއާގެ އެހީތެރިކަން ދަނީ ލިބެމުން: ރައީސް

2 months ago

އަފްރާހް

ރާއްޖެއިން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ޗައިނާ އާއި އިންޑިއާ އިން ލުއި ގޮތްތައް ހޯދައިދިނުމަށް ވަރަށް އެހީތެރިވަމުންދާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިކަން ހާމަކުރެއްވީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.


ރައީސް ވަނީ ރާއްޖޭގެ އިގްތިސާދީ ސިޔާދަތު ޔަގީންކުރުމަށްޓަކައި، ކުރެވޭ މަސައްކަތްތަކަށް ޗައިނާ ސަރުކާރާއި އިންޑިއާ ސަރުކާރުން އެއްބާރުލުން ދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި ރައްޔިތުންގެ ފަރާތުން އެމަނިކުފާނު އެ ދެގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.


އިންޑިއާއިން ވެދެއްވާ އެހީތެރިކަމަށް އަލިއަޅުވާލައްވައި ވިދާޅުވީ ދާދިފަހުން ރާއްޖެއިން ދައްކަން ޖެހުނު 50 މިލިއަން ޑޮލަރުވެސް އިންޑިއާ ސަރުކާރުން ރޯލްއޯވަރ ކޮށްދެއްވާފައިވާކަމުގައެވެ. އަދި ޒަރޫރީ ކާބޯތަކެތީގެ ބާވަތްތަކުގެ ކޯޓާވެސް ދެ އަހަރު ދުވަހަށް އިތުރުކޮށްދެއްވާފައިވާކަން ހާމަކުރެއްވިއެެވެ.


މީގެއިތުރުން ލައިން އޮފް ކްރެޑިޓްގައި ބާކީހުރި ފައިސާ ވެސް ބޭނުންކުރެވޭނެގޮތަށް މަގުފަހިކޮށްދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.


ޗައިނާ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް އަލިއަޅުއްވާލައްވާ ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައި ހުރި ލޯނުތަކާއި، އެ ލޯނުގެ އިންޓްރެސްޓް ކުރިއަށް އޮތް ފަސް އަހަރަށް ނުދައްކާ ގޮތަށް ނިންމައިދޭނެ ކަމުގެ ފެހި ސިގްނަލް ޗައިނާ ސަރުކާރުން ދެއްވާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު