ޕާކިސްތާނުގެ ޕީއެންއެސް އަސްލަތުގެ ކޮމާންޑިންގ އޮފިސަރ ކެޕްޓަން މުޙައްމަދު އަޒްހަރު އަކްރަމް ރާއްޖެއަށް ޒިޔާރަތްކުރައްްވައިފިއެވެ.
މި މާރޗު 13 ން 16 އަށް ކުރެއްވި މިދަތުރުފުޅުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އޮފިޝަލުން ހޫނު އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރ) ފައިސަލް ރަސޫލް ލޯދީ އާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އަދި ކޯސްޓް ގާޑުގެ އިސްފަރާތްތަކާ ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމާ މެދު ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެގައުމުގެ ގުޅުމާއި އަސްކަރީގޮތުން ގުޅުން ބަދަހި ކުރުމަށް ވެސް މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން މާރޗު 13 ވަނަ ދުވަހު ވަނީ ރޯދަ ވީއްލުމެއް ވެސް ބާއްވާފައެވެ. މި ރޯދަވީއްލުމުގައި ޕާކިސްތާނުގެ ސަގާފަތާއި ކާނާ ވަނީ ދައްކުވައިދީފައެވެ.
މި ރަސްމިއްޔާތުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ޝަރަފްވެރިކޮށްދެއްވިއިރު، މި ރަސްމިއްޔާތުގައި މިނިސްޓަރުންނާއި ރައްްޔިތުންގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގައި ތިއްބަވާ ބޭރުގައުމުތަކުގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ދެ ގައުމުގެ ދެމެދުގައިވާ ވަރުގަދަ ގިނަ ދާއިރާތަކެއް ހިމެނޭ ދެފަރާތުގެ ގުޅުމާއި ދިފާއީ އެއްބާރުލުމުގެ ބައެކެވެ. މި ޒިޔާރަތުގެ މަގްސަދަކީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު މިހާރު އޮތް ވަރުގަދަ ގުޅުން އިތުރަށް ހަރުދަނާކުރުމެވެ. އަދި މިއީ ދެގައުމުގެ ދެމެދުގައިވާ ވަރުގަދަ ޑިޕްލޮމެޓިކް، އިގްތިސާދީ، ސަގާފީ، ދިފާއީ އަދި ސަލާމަތީ ގުޅުންތަކުގެ ހާމަކުރުމެކެވެ.
ޕީ.އެން.އެސް އަސްލަތަކީ ސޯޑް ކްލާސް ފްރިގޭޓްތަކުގެ ހަތަރުވަނަ ބޯޓެވެ. މިއީ ޕާކިސްތާނުގެ ކަރާޗީ ޝިޕްޔާޑް އެންޑް އިންޖިނިއަރިންގ ވަރކްސް (ކޭ.އެސް އެންޑް އީ.ޑަބްލިއު) ގައި އުފައްދާފައިވާ ބޯޓެކެވެ. މި ބޯޓު އުފައްދާފައިވަނީ 16 ޖޫން 2011 ގައެވެ.
އަރަބި ބަހުން ނަގާފައިވާ "އަސްލަތު" މި ނަމަކީ އިސްލާމްދީނުގެ ފެށުމުގެ ދުވަސްވަރު އަރަބިން ބޭނުންކުރި ކަނޑީގެ ބާވަތެކެވެ.