ޚަބަރު ރާއްޖެ

އައްޑޫ ކައުންސިލް އުފެދިފައިވާގޮތާ ގުޅޭގޮތުން ނަގާ ވޯޓުގެ ސުވާލުތަކަށް އިސްލާހުތަކެއް ގެންނަނީ

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އެސިޓީގެ ރައްޔިތުންގެ މެދުގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި ހިމެނޭ ސުވާލުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން އިސްލާހުކުރައްވަން ނިންމަވައިފިއެވެ.

 

އައްޑުއަތޮޅު ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ކަނޑައެޅުއްވީ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން 6 އޮކްޓޫބަރު 2025 ގައި އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.

 

އެމަނިކުފާނު މި ގޮތަށް ކަނޑައެޅުއްވީ، އައްޑުއަތޮޅު ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލުގެ ދަށުން ހިންގުމަށްޓަކައި އެ ދެރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވާ، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން، ރައީސުލްޖުމުހޫރިއްޔާގެ ގަރާރު ނަންބަރު 27/2025 އިސްލާހުކުރެއްވުމަށްފަހު މިއަދު ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 31/2025 އިންނެވެ.

 

މި ގަރާރުގައިވާ ގޮތުގެ މަތީން އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ތިރީގައިވާ ސުވާލުތައް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހެޅުމަށް ވަނީ ނިންމަވައިފައެވެ.

 

އައްޑުއަތޮޅު ހުޅުދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

 


1.
އައްޑުއަތޮޅު ހުޅުދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

 

އައްޑުއަތޮޅު މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

 


1.
އައްޑުއަތޮޅު މީދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

 

އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

 


1.
އައްޑުއަތޮޅު ފޭދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

 

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 27/2025 (އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން) ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، ޤާނޫނުގައިވާ ގޮތުގެ މަތީން ވޯޓު ނެގުމުގެ ކަންކަން ކުރިޔަށްދާނީ އިލެކްޝަން ކޮމިޝަނުން އިޢުލާނުކުރައްވައިފައިވާ ގޮތަށް މި ހިނގާ 2025 އޮކްޓޫބަރު 25 ވަނަ ދުވަހުއެވެ.

 

 


  • އައްޑޫ ސިޓީ ކައުންސިލް
  • އައްޑޫ ސިޓީ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް