އިންޑިއާގައި އުފައްދާފައިވާ ވިހަ އެކުލެވޭ ކޮފް ސިރަޕް ރާއްޖެއަށް އެތެރެކޮށްފައި ނުވާކަމުގެ ޔަގީންކަންް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.
އެ އޮތޯރިޓީން މި ޔަގީންކަންދީފައި މިވަނީ ނުރައްކާތެރި މިންވަރަކަށް ކެމިކަލް އެކުލެވިގެންވާ ގޮތަކަށް އުފައްދަމުން އައި ކެއްސުމަށް ހާއްސަކޮށް ދޭ ބޭހެއް ބޮއެގެން އިންޑިއާގެ މަދުޔަ ޕްރަދޭޝްގެ އުމުރުން ފަސް އަހަރުން ދަށުގެ 17 ކުއްޖަކު މަރުވެފައިވާތީ އެކަމަށް ހަވާލާދޫ ނެރުނު އިއުލާނެއްގައެވެ.
އެ އިއުލާނުގައި ރާއްޖެ އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރަން އެ އިދާރާއިން އަބަދު ވެސް މަަސައްކަތްކުރާކަން ވަނީ ފާހަގަކޮށްފައެވެ. ހާއްސަކޮށް ކުޑަކުދިންނަށް ދޭ ބޭސްތަކުގެ ރައްކާތެރިކަން ކަށަވަރުކުރާ ކަމަށާއި އެފަދަ ބޭސް އެތެރެކުރާއިރު، ޑީއީޖީ އަދި އީޖީ ނުހިމެނޭކަން ކަށަވަރުކުރުމަށް ލެބޯޓްރީ ތަހުލީލުތަކުން ކަށަވަރުކުރާކަމުގެ ޔަގީންކަން ދީފައި ވެއެވެ.
އިންޑިއާގެ ތިން ކުންފުނިން އުފައްދާފައިވާ ކެއްސުމަށް ބޭނުން ކުރާ ތިން ބޭހެއްގައި ޑައިތީލް ގްލައިކޯލް (ޑީއީޖީ) ހުރެގެން އެބޭސްތައް ބޭނުން ކުރުމާއި، ވިއްކުން މަނާކޮށްފައިވާ ކަމަށް ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކް (އެސްއީއޭއާރްއެން) އިން އެއޮތޯރިޓީއަށް އެލާޓްކޮށްފައިވާ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.
އެފްޑީއޭ އިން ބުނީ އެ ތިން ކުންފުންޏަކީ އެމްއެފްޑީއޭ އިން ބޭސް އިމްޕޯޓް ކުރުމަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ނޫން ކަމަށެވެ. އެހެންވެ، އެ ކުންފުނިތަކުން އުފައްދާ އެއްވެސް ބޭހެއް، އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
އެ އިދާރާ އިން ވަނީ އިންޑިއާ އަކީ ބޭސްފަރުވާ އަށް ދިވެހިން އަބަދު ވެސް ގޮސްއުޅޭ ގައުމެއްކަމަށްވާތީ، އަދި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާ އިން ބޭސް އެތެރެކުރަމުން އަންނަކަން ވެސް ފާހަގަކުރެވޭކަމަށް ބުނެފައެވެ.
އެފަދަ ފަރާތްތަކުން މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.