ރާއްޖެ

ނަރީޝް، މިނިސްޓަރ ފެންވަރުގައި ޔޫތް މިނިސްޓްރީ އަށް

މާލެ ސިޓީ ކައުންސިލުގެ ކުރީގެ ޑިޕިއުޓީ މޭޔަރ އަހްމަދު ނަރީޝް މިނިސްޓަރ ފެންވަރުގައި ޔޫތް މިނިސްޓްރީން ވަޒީފާ ދެއްވައިފިއެވެ.

 

އިތުބާރުހުރި މަސްދަރަކުން 'އޮއިވރު' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަރީޝް އައްޔަންކުރައްވާފައިވަނީ އެ މިނިސްޓްރީގެ އެޑްވައިޒަރެއްގެ ގޮތުގައެވެ. އަދި މަގާމު ދެއްވާފައިވަނީ މާރޗު 13 ވީ ބުރާސްފަތި ދުވަހުއެވެ.

 

ސަރުކާރުގެ އެކި އިދާރާތަކުގައި ގިނަ އަދަދެއްގެ ފަރާތްތައް މިނިސްތަރު ފެންވަރުގައި ތިއްބަވާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 10 ބޭފުޅުން ތިއްބަވައެވެ. އަދި ޝެއިޚް މުޙައްމަދު ލަޠީފަށް އިސްލާމީ މަރުކަޒުގެ އިސް އިމާމުކަން ދެއްވާފައިވަނީ ވެސް އިސްލާމިކް މިނިސްޓްރީގައި މިނިސްޓަރު ފެންވަރުގައެވެ.

 

މީގެއިތުރުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުގައި މިނިސްޓަރު ފެންވަރުގައި މުޙައްމަދު ޠަލާލް ވަނީ އައްޔަންކުރައްވާފައެވެެ. އަދި އެލްޖީއޭގެ ސީއީއޯކަމާއި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމާއި ގައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުގެ މަގާމަކީ ވެސް މިނިސްޓަރު ފެންވަރުގެ މަގާމުތަކެވެ.

 

ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުން ނަރީޝް މި މަހުގެ 12 ވަނަ ދުވަހު އިސްތިއުފާދެއްވާ ވިދާޅުވެފައިވަނީ އެހެން މަގާމެއްގައި ހިދުމަތްކުރުމުގެ ފުރުސަތު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން އޭނާއަށް ލިބިލައްވާފައިވާ ކަމަށެވެ.


ކޮމެންޓް