ބ. ކަމަދޫ އާއި ދ. މާއެނބޫދޫގެ ފުޓްބޯޅަ ދަނޑު ގާއިމްކުރުމާއި ޅ. ކުރެންދޫ ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުއްޓިފައި ހުރި ކުޅިވަރު މަޝްރޫއުތައް ފުރިހަމަކުރުމުގެ ޕްރޮގްރާމް ސަރުކާރުން ފައިބެއަހަރު ފެށިއިރު، އެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިންމާފައެވެ. މި މަސައްކަތްތައް ވީހާވެސް އަވަހަށް ހަރުދަނާ ގޮތެއްގައި ނިންމެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މިގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި ޕްރޮޖެކްޓްތައް ހަވާލުކޮށް މި އަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގައި ނިންމުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއިއެކު ސޮއިކުރި އެއްބަސްވުމުގައި މިނިސްޓްރޫގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުﷲ ރާފިޢުއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ރިޓަޔާޑް މުޙައްމަދު ނަޖާހުއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރެންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް 90 ދުވަހުގެ ތެރޭގައި ގާއިމްކޮށް ނިންމަން ޖެހޭނެއެވެ. މިއީ 1.6 މިލިއަން ރުފިޔާ ހޭދަވާނެ މަސައްކަތެކެވެ. އަދި ބ. ކަމަދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް 4.7 މިލިއަން ރުފިޔާ ހޭދަވާނެއެވެ. މި މަސައްކަތް ނިންމަން ޖެހެނީ 60 ދުވަހުގެ ތެރޭގައެވެ.
މީގެއިތުރުން މާއެނބޫދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމަން 120 ދުވަހުން ނިންމަންޖެހޭއިރު، 6 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫއުގެ ތެރޭގައި ދަނޑުގެ ޓާފް އިންޓޯލްކުރުމާއި ފަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަސައްކަތްތަކުގެ އިތުރުން ބ. ކެންދޫ، ދަރަވަންދޫ، ތުޅާދޫ އަދި ރ. މީދޫގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިނާއި ބެންޗުތައް ހޯދުމަށްވެސް ފެނަކަ ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.