ދޫކޮށްފައިވާ ހުއްދަ އާ ހިލާފަށް މަސައްކަތްކުރަމުން ދިޔަ 3 ބިދޭސީން ހައްޔަރުކޮށްފިއެވެ.
މޯލްޑިވސް އިމިގްރޭޝަނުން ވިދާޅުވީ މިއީ މި މާރިޗު މަހުގެ 5 ވަނަ ދުވަހު އިމިގްރޭޝަން ވޮޗަށް ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން މާރޗު 13 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ފާހަގަވި މީހުން ކަމަށެވެ.
މި ރިޕޯޓާއި ގުޅިގެން މ. ހަރމަނީ ބަލައި ފާސްކޮށްފައިވާ ކަމަށާއި އެގޭގެ ފުރަތަމަ ފަންގިފިލާގައި ރޭގަނޑު 9 އިން ފެށިގެން މެންދަމު 2 އާ ހަމައަށް ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީކުރުމުގެ ވިޔަފާރި އޮންލައިންކޮށް ކުރަމުން ގެންދާކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އެ އިދާރާ އިން އިތުރަށް ވިދާޅުވީ މި ތަނުގައި މަސައްކަތް ކުރަމުންދިޔަ 3 ބިދޭސީން މަސައްކަތް ކުރަމުން ދިޔައީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންވެ، އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ހާމަކުރައްވައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލ ހައްލުކުރުމަށް އިމިގްރޭޝަނުން ގެންދަވަނީ ހާއްސަ އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ. މިފަދަ އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފުވާ މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސް، ބައެއް މީހުން ޑީޕޯޓުކޮށްލާފައި ވެސް ވެއެވެ. އަދި ގަވާއިދިގެ ތެރެއަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ދެއެވެ.