ރާއްޖެ

ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހަދާފައިވާ ޑެސްކުތަކުގެ މަސައްކަތް މޭޔަރު ބައްލަވާލައްވައިފި

ގެދޮރުވެރިވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހަޅާ ފަރާތްތަކަށް ފަސޭހަކޮށްދީ، އެހީތެރިކަން ފޯރުކޮށްދެއް ވުމަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ހަދާފައިވާ ޑެސްކްގެ މަސައްކަތް ކުރިއަށް ދާގޮތް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ބައްލަވައިލައްވައިފިއެވެ.

 

ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި މި މާރިޗް މަހުގެ 11 ވަނަ ދުވަހުން ފެށިގެން، 30 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް، މި މަސައްކަތް ކުރިޔަށް ގެންދާނެއެވެ.

 

ކޮންމެ ދުވަހަކު ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މަސައްކަތް ހެނދުނު 10 ން މެންދުރުފަހު 2:30 އަށް އަދި ރޭގަނޑު 9:30 ން 11 ޖަހަންދެން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

 

މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ގޮތުން، ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިއާ ސްކީމް ދަށުން ފްލެޓްތައް ދިންގޮތުން، ގިނަ ބަޔަކު ދަނީ ހިތް ހަމަނުޖެހުން ފާޅުކުރަމުންނެވެ.

 

އެހެންކަމުން މި ސްކީމާއިގުޅިގެން ރައްޔިތުންނަށް ޝަކުވާ ހުށަހެޅުމަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން މަސައްކަތް ކޮށްދިނުމަށް މާލެ ސިޓީގެ އާންމު ޖަލްސާއިން ވެސް ވަނީ ފާސްކޮށްފައެވެ.

 

މޭޔަރ ޢާޒިމް އަމިއްލަފުޅު ފޭސްބުކްގައި ދާދި ފަހުން ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވެފައިވަނީ މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ބޯހިޔާވަހިކަމަށް ޖެހިފައި ތިބި މާލޭ ރައްޔިތުންނަށް ގޯތިދީ، އެ ގޯތިތައް ކަށަވަރު ކޮށްދެން ޖެހޭނެ ކަމަށެވެ. އަދި ގޯތީގެ ރަޖިސްޓްރީ ހަވާލު ކޮށްފައިވަނިކޮށް، ގަވާއިދުގެ ބޭރުން އެއްވެސް ހަމައެއް އުސޫލެއްނެތި ޝަރުތު ހަމަނުވާ ބަޔަކަށް ބިމާއި ގޯތި ބަހައިލުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ވެސް ވިދާޅުވިއެވެ.

 

މީގެއިތުރުން މާލޭގެ ރައްޔިތުން ތެރެއިން ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރެވިފައިވާ ފަރާތްތަކަށް ގޯތިތައް ހަވާލު ކުރުމަށާއި އިންސާފާއި ހަމަތަކުގެ މަތިން ފްލެޓު ލިބިފައިވާ ރައްޔިތުންނަށް އިތުރަށް ލަސްނުކުރައްވައި އެފަރާތްތަކުގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ދަންނަވާ ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.

 


ކޮމެންޓް