ރާއްޖެ

ފުލުހުންގެ މަރުކަޒުތަކެއް އެޅުމަށް އެމްޓީސީސީ، އާރްޑީސީ އަދި ފެނަކަ އަށް

75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

 

ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ހިންގާ މަޝްރޫއުގައި ހިމެނިގެން މި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް އެޅުމަށް ހަވާލުކޮށްފައިވަނީ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

 

މި ރަސްމިއްޔާތުގައި މި މަރުކަޒުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ)، ފެނަކަ އަދި އާރްޑީސީ އާއެވެ. މި އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓައަރޑް އަޙްމަދު ސަޢުދީއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހައިރުއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙެވެ.

 

މި މަޝްރޫއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެމްޓީސީސީން 15 ރަށެއްގައި އާރްޑީސީން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 

2023 ވަނަ އަހަރުގެ ޑިސެންބަރު މަހާއި ހަމައަށް ފުލުހުންގެ ހިދުމަތް ގާއިމުނުވާ 70 ރަށެއް އޮތްނަމަވެސް މި މަޝްރޫއުގެ ސަބަބުން އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލުކުރެވޭ ރަށްތައް ފިޔަވައި، ފުލުހުންގެ ހިދުމަތް ގާއިމުނުކުރެވިވާ ހުރިހާ ރަށެއްގައި އަމިއްލަ އިމާރާތަކާއެކު ފުލުހުންގެ ހިދުމަތް ގާއިމުކުރެވޭނެ ކަމަށް ފުލުހުންގެ އިދާރާ އިން ވިދާޅުވެއެވެ.

 

އެހެންކަމުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ، ޒަމާނީ މަރުކަޒުތައް ހުންނާނެ ކަމަށާއި މީގެ ސަބަބުން ފުލުހުންގެ ބަޖެޓުގެ ރިކަރަންޓް ހަރަދު ކުޑަކޮށް ހިދުމަތް ދިނުމަށް ކުރެވޭ ހޭދަ އިތުރުކުރެވޭނެ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ.

 

ފުލުހުންގެ 91 އަހަރުގެ ތާރީހުގައި މިހާތަނަށް މުޅި ރާއްޖޭގައި ހުރީ އަމިއްލަ 17 ސްޓޭޝަނެވެ.


ކޮމެންޓް