މުއުމިނުންގެ ދުޢާއަކި ހަތިޔާރެއްކަމަށެވެ. އަދި ކަންކަމުގައި މާތް ﷲ ހަޟްރަތުގައި ދުޢާ ދެންނެވުމަށް އެއްވެސް ވަރަކަށް ލަދުގަނެގެން ނުވާނެކަމުގައި ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
"ނަސްރުގެ މައްސަރު' މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ވަނީ މާތްﷲއީ އަޅުތަކުންގެ ދުއާ އިޖާބަކުރައްވާ ހަމައެކަނި ރަސްކަލާނގެކަން ވެސް ހަނދާންކޮށްދެއްވާފައެވެ.
ހުތުބާގައި ވަނީ ބަރަކާތްތެރި ރަމަޟާން މަހަކީ އެ މަހެއްގައި ނުހަނު ގިނަގުނަ ދަރުމައާއި ނަސްރުދެއްވުން ލައްވަވައިފައިވާ މައްސަރެއް ކަމަށާއި އެގޮތުން ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހު ބަދުރު ހަނގުރާމަ ކުރެވުނުކަން ފާހަގަކުރައްވާ މިއީ އިސްލާމީ ތާރީހުގައި ކުރެވުނު ފުރަތަމަ ހަނގުރާމަކަން ވެސް ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ބަދުރު ހަނގުރާމައަކީ އިސްލާމީ އުންމަތަށް އެތައް ފިލާވަޅުތަކެއް ލިބުނު ހާދިސާއެއް ކަމަށާއި އޭގެތެރޭގައި މަޝްވަރާކުރުމުގެ މުހިންމުކަމާއި ވެރީންނަށް ކިޔަމަންގަތުމުގެ މާތް ސިފަ އާއި މާތް ﷲއަށް ވަކީލުކުރުމާއި ދުއާކުރުމުގެ މުހިންމުކަން ހިމެނޭ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އިސްލާމްދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވާ ހުތުބާގައި ބުނީ ކޮންމެ ކަމެއްގައިވެސް މާތްﷲ އަށް ވަކީލުކުރުމަކީ ނަސްރާއި ކާމިޔާބަށް ވާސިލުކޮށްދޭ ކަމެއްކަމަށެވެ. އަދި މާތްﷲ އަށް ވަކީލުކުރުމާއި އަޒުމް ވަރުގަދަވުމަކީ ކަންކަމުގައި ނަސްރާއި ކާމިޔާބަށް ވާސިލްކޮށްދޭ ކަމެއްކަމަށެވެ.