ރާއްޖެ

ހުރިހާ ޢަމަލެއް ބިނާވަނީ ނިޔަތުގެ މައްޗަށް - އެމީހެއްގެ ނިޔަތް ރަނގަޅުވެއްޖެނަމަ މުޅި ހަޔާތް އަޅުކަމަށްވާނެ

ހުރިހާ ޢަމަލެއް ބިނާވަނީ ނިޔަތުގެ މައްޗަށްކަމަށާއި އެހެންކަމުން އެމީހެއްގެ ނިޔަތް ރަނގަޅުވެއްޖެނަމަ އޭނާގެ މުޅި ހަޔާތް އަޅުކަމަށް ވާނެކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޤުބައިދު އަބޫބަކުރު ވިދާޅުވެއްޖެއެވެ.

 

ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން މާލޭގައި ބޭއްވި 4ވަނަ ފޯރަމްގައި ތަޤްރީރު ކުރައްވަމުން ޑރ. ޤުބައިދު ވަނީ އަޅުކަންތަކުގެތެރެއިން ރޯދައިން ދަސްވާ ފިލާވަޅުތަކާއި، ރޯދައިގެ މަތިވެރިކަމުގެމައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އުންމަތުގެ ރަސޫލާ މުޙައްމަދު ޞޢވ ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ އެކިއެކި އިބްރާތްތެރި ދަރުސްތައް ވެސް ވަނީ ހިއްސާކުރައްވާފައެވެ.

 

"އިސްލާމީ އަޅުކަންތަކުގައި ހިމެނޭ މާއްދީ އަދި ރޫހާނީ ފައިދާ" މި މައުޟޫއަށް ތަގްރީރު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އިބާދާތުގެތެރޭގައި ހުރިހާ އަޅުކަމެއް ހިމެނޭ ކަމަށެވެ.

 

" ނަމާދު ޒަކާތް ރޯދަ ހައްޖު، މީގެއިތުރުން މައިންބަފައިންނަށް އިހްސާންތެރިވުން، ފަގީރުންނަށް، ޔަތީމުންނަށް އެހީތެރިވުން ހިމެނޭ."

 

ހަމައެހެންމެ ޖަނާޒާގައި ބައިވެރިވުމާއި މިހުރިހާ ކަމެއް މި ހިމެނެނީ އަޅުކަމުގެތެރޭގައިކަން ފާހަގަކުރައްވާ ވިދާޅުވީ އަޅުކަމޭ ބުނީމާ އަޅުގަނޑުމެން ދެނެގަންނަވީ އިންސާނާގެ މުޅި ހަޔާތަކީ އަޅުކަމެއްކަމަށް ހެދިދާނެކަން ކަމުގައެވެ.

 

އިސްލާމިކް މިނިސްޓްރީން އަންނަނީ ސިލްސިލާކޮށް އިހްޔާ ފޯރަމްތައް ބާއްވަމުންނެވެ. އަދި މިއަހަރު މި ފޯރަމްގެ އަދަދު ވެސް އިތުރުކޮށްފައިވާއިރު، މާލެއާއި އަތޮޅުތަކުގައި ބާއްވާ ފޯރަމްތަކާއި ސްކޫލް ކުދިންނަށް ޚާއްޞަކޮށްގެންނާއި މުއައްސަސާތަކަށް ހާއްސްކޮށްގެން އިހްޔާ ފޯރަމްތައް އަންނަނީ ބާއްވަމުންނެވެ.

 

 

ކޮމެންޓް