ރާއްޖެ

ސިޔާސީ ހަރަކާތްތަކުގައި ސުލޫކީ މިންގަނޑާ ހިލާފު ނުވުމަށް އީސީން އިލްތިމާސްކޮށްފި

ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އެންމެހާ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު، ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފު ނުވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރައްވައިފއެވެ.

 

އެ ކޮމިޝަނުން މިފަދައިން އިލްތިމާސް ކުރައްވާފައި މިވަނީ އެމްޑީޕީން މިހާރުކުރިއަށްގެންދާ ސިލްސިލާ މުޒާހަރާގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް މުހާތަބްކޮށް ވާހަކަ ދައްކާފައިވާތީ އެކަން ކުށްވެރިކުރައްވާ ނެރުއްވި ބަޔާނުގައެވެ.

 

އެ ބަޔާނުގައި ވަނީ މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިއުމާއި ހަގީގަތާއި ހިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް ވެސް އިލްތިމާސްކުރައްވާ، ނަސޭހަތްތެރިވެފައެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް އެކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

 

"ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އިން ޕާޓީތަކަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ޤާނޫނުއަސާސީއާއި ސީޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށް، ސިޔާސީ ޕާޓީތަކަށް ހަނދާންކޮށްދެމެވެ."

 

އީސީން ވަނީ އެމްޑީޕީން މާލޭގައި މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ވެސް ގާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޢަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

 

ހާއްސަކޮށް ސިޔާސީ ހަރަކާތްތައް ރާވާ ހިންގުމުގައި، ގާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ހައްގުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ ވާހަކަތައް ދެއްކުން ވަނީ އީސީން ކުށްވެރިކުރައްވާފައެވެ.

 

 

ކޮމެންޓް