ރާއްޖެ

ކުލަބް މާލެ ސިޓީގެ ކެރަމް މުބާރާތް މި މަހު 15 ގައި ފަށަނީ

ކުލަބް މާލެ ސިޓީން އިންތިޒާމްކޮށްގެން ބާއްވާ "ކެރަމް ޓޯނަމަންޓް ރަމަޟާން 1446" ގެ މުބާރާތް މި މާރޗު މަހުގެ 15 ވާ ހޮނިހިރު ދުވަހުގެ ރޭ ފެށުމަށް ނިންމައިފިއެވެ.

 

މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުގެ މެދުގައި ބާއްވާ މި މުބާރާތުގައި މިއަހަރު 56 ޓީމު ބައިވެރިވިއިރު، ކޮންމެ ޓީމެއްގައި 2 ކުޅުންތެރިން ހިމެނެއެވެ.

 

މި މުބާރާތް އިންތިޒާމްކޮށް ހިންގުމުގައި އިސްކޮށް އުޅުއްވާ މާލެ ސިޓީ ކައުންސިލްގެ ޔޫތު ޑިޕޮލަޕްމެންޓް އެގްޒެކްޓިވް ރިފްޤާ ޝިހާމް ވިދާޅުވީ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އެ ކައުންސިލުގެ އާންމުހިދުމަތްތަކާ ބެހޭ އޮފީސް ހުންނަ، ތައިސޭކޮށީގެ ގޯތި ތެރޭގައި ކަމަށެވެ. އަދި މެޗުތައް ކުޅޭނީ ރޭގަނޑު 9 ގެފަހުން ކަމަށެވެ.

 

މީގެއިތުރުން މި މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި މުބާރާތުގެ އެއްވަނަ ދެވަނަ އަދި ތިންވަނައަށް އަންނަ ޓީމުތަކަށް، ފައިސާގެ އިނާމު ހުށަހެޅިފައިވާއިރު، އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިޔާ ހޮވުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

މި މުބާރާތާ ގުޅޭ ގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މިއީ މި ފަދަ މުބާރާތެއް މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ. މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއެކު، ހުރިހާ މުވައްޒަފުން އެއްތާކުން ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށް ދިނުން ކަމަށް ވެސް ވިދާޅުވިއެވެ.

 

މިމުބާރާތުގައި މޭޔަރ ޢާޒިމް ވެސް ކުޅުއްވާއިރު، ހަ ކައުންސިލް މެމްބަރުން ވެސް ވާދަކުރާނެއެވެ.

 

 

ކޮމެންޓް