މި ރަމަޟާން މަހުގެ ފަހު 10 ގައި މާލެ ސަރަހައްދުގައި ދަމުނަމާދަށާއި އިއުތިކާފަށް ތިބޭ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އެ މިނިސްޓްރީން ކަނޑައަޅުއްވާފައިވަނީ ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒު ހިމެނޭހެން 34 މިސްކިތެއްގައި ދަމު ނަމާދުކުރުމަށެވެ. އެގޮތުން މާލޭގެ 21 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 10 މިސްކިތެއްގައި ދަމުނަމާދުކުރުމަށް ވަނީ ނިންމާފައެވެ.
ހުޅުމާލޭގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 1ގެ 6 މިސްކިތަކާއި ދެވަނަ ފިޔަވަހީގެ 4 މިސްކިތެއްގައެވެ.
ދަމުނަމާދު ކުރާ މިސްކިތްތަކުގެ ތެރެއިން ރަމަޟާން މަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމުނަމާދު ކުރައްވާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަޠިފްއެވެ. އަދި ސަލްމާނު މިސްކިތުގައި ދަމުނަމާދު ކުރައްވާނީ އަލްޙާފިޒް އާދަމް މިޝްއަލް ޝާމިން، އަލްޙާފިޒް މުޙައްމަދު މިޝްއަލް އާޡިމްގެ އިތުރުން އަލްޙާފިޒް އަބްދުﷲ އަޙްސަން ސަޢީދުއެވެ.
ކޮންމެ ރަމަޟާން މަހެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައި ދަމުނަމާދުކުރާއިރު، އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު 2 ޖަހާއިރުއެވެ. ދަމުނަމާދަކީ އިޝާނަމާދަށްފަހު ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުއަތުން، ދެރަކުއަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ވިދާޅުވީ މާލޭގެ 23 މިސްކިތެއްގައި އިއުތިކާފަށް ތިބުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ މާލޭގެ 15 މިސްކިތަކާއި ވިލިމާލޭގެ މިސްކިތަކާއި ހުޅުމާލޭގެ 7 މިސްކިތެކެވެ.
ރަމަޟާން މަހުގެ ފަހު ދިހައެއްގައި މިސްކިތުގައި އިއުތިކާފުކުރުމަކީ ގަދަވެގެންވާ ސުންނަތަކަށްވުމުން ގިނަ ބަޔަކު ކޮންމެ އަހަރަކު ވެސް އަންނަނީ އިއުތިކާފުކުރަމުންނެވެ. އިއުތިކާފް ކުރުމަީ ރޯދަމަހުގެ 20 ވަނަދުވަހު އިރު އޮއްސުމުގެކުރިން މިސްކިތަށް ވަދެ އިއުތިކާފުގެ ނިޔަތްގަނެ ޝައްވާލު މަހުގެ ހަނދުފެނިއްޖައުމަށް ދާންދެން މަޑުކުރުމެވެ.
އިއުތިކާފަށް އިނުމަށް ނިޔަތް ގަތްމީހާ ޝައްވާލުމަހުގެ ހަނދުފެނުމުގެ ކުރިން ފާހާނާކުރުމާއި ކެއުން ބުއިންފަދަ ޒަރޫރީކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެއެވެ. މިނޫން ހާލަތެއްގައި މިސްކިތުން ނިކުމެއްޖެނަމަ އިއުތިކާފު ބާތިލުވާނެއެވެ.
https://www.gazette.gov.mv/iulaan/332065
https://www.gazette.gov.mv/iulaan/332066