ޚަބަރު ރާއްޖެ

ލަންކާގައި ދިރިއުޅޭ ދިވެހީންނަށް މެޑިކަލް އަދި ސްޕައުސް ވިސާ 1 އަހަރު ދުވަހަށް މިހާރު ލިބޭނެ

ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން

އަވަށްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް މެޑިކަލް އަދި ސްޕައުސް ވިސާ 1 އަހަރު ދުވަހަށް މިހާރު ލިބޭނެ ކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

 

އެ މިނިސްޓްރީން ވިދާޅުވީ އެގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ (ސްރީލަންކާ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނަށް) އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ލަންކާ ސަރުކާރުންވަނީ ނިންމާފައެވެ. އަދި މި ވިސާ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ލިބޭނެކަމަށެވެ.

 

ލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ސިއްހީ ފަރުވާއަށް ދަތުރުކުރާ ގައުމަކަށްވާތީ، މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ދެކޭ ކަމަށް ވެސް ވިދާޅުވެއެވެ.

 

މީގެއިތުރުން ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ވަކިން ހާއްސަކޮށް، ސެކިއުރިޓީ ކްލިއަރެންސަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. އަދި ވިސާއަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އޭގެ ސަބަބުން ވިސާ ބާތިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، މިކަމަށް ސަމާލުވުމަށް ސަރުކާރުން އިލްތިމާސްކުރައްވާފައިވާ ކަމުގައި ވެސް ހަނދާންކޮށްދެއްވިއެވެ.

 

އެހެންކަމުން ލަންކާގައި ދިރިއުޅޭ އެންމެހައި ދިވެހިން މި މުހިންމު ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މިނިސްޓްރީގެ އެދުމެެއް ކަމުގައި ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

 

 


  • ސްރީލަންކާ
  • ފޮރިން މިނިސްޓްރީ
  • ކޮމެންޓް