ރިތްމަހަކީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުގައްޔާއި ފުންވިލުވިލުގައި ވަރަށް ގިނައިން އުޅޭމަހެކެވެ.
މި މަސް އާންމުކޮށް އުޅެނީ ބޮޑެތިއައިން ހަދައިގެންނެވެ. ރަށްރަށުގެ ފަޅުފަޅަށް ވަދެއުޅޭ ރިތްމަސްގަޑު ދާ އަޅައިގެންވެސް ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހިފާއުޅެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ ވަރަށް ކަށިގިނަ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 32 ސެންޓިމީޓަރަށެވެ.
މިއީ ދިގުކޮށް ވަށްކޮށްހުންނަ މަހެކެވެ. މަހުގެ ކަރުތާފަތްގަނޑުގެ ތިރިން ބަނޑުދަށްފަރާތުގައި ހުންނަ ކޮތަރިބައި މަހުގެ ކަންފަތްގަޑަށްވުރެ ކުރުވާނެއެވެ. މަހުގެ ނިގޫފަތާދިމާއިން މަހުގެ މަތީގައްޔާއި ބަނޑުދަށްފަރާތުގައި ވަކިވަކިން ހުންނަ ކުދި ކޮތަރިބައެއް ހުރެއެވެ. ނިގޫކޮޅާއި ދިމާގައި ދިގުކޮށް ކުރަގަނޑެއްހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ނޫކުލައަކަށްދާ ފެހިކުލައެކެވެ.
ބަނޑުދަށްފަރާތުގެ ކުލައަކީ ރިހިކުލައެވެ. މަހުގެ ކަރުތާފަތްގަޑުގެ ކަނުގައި ކަޅުކުލައިގެ ލަފެއް ވަރަށް ސާފުކޮށް ފެންނަން ހުރެއެވެ. ނިގޫފަތުގެ ކުލައަކީ ރީނދޫކުލައަކަށްދާ ފެހިކުލައެކެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގެ ކުލައަކީ ހުދުކުލައެވެ.
މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކަށްޓާއެކު 31 އާއި 30 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކަށްޓަށްފަހު 1 އިތުރު ހަރުކަށްޓާއި 27 އާއި 31 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ.
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސަރޗް ސެންޓަރ 2003