ދިވެހިރާއްޖޭގެ އާބާދީއަށް ބަލާއިރު، ރާއްޖެއަކީ ހަލުވިމިނުގައި އާބާދީ ބަދަލުވަމުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ރާއްޖޭގެ އާބާދީ ދޮށީ އުމުރުގެ އާބާދީއަކަށް ބަދަލުވަމުންދާއިރު، މިކަމުގެ ސަބަބުން އިޖްތިމާއީ، އިގުތިސާދީ އަދި ތިމާވެށީގެ ދާއިރާތަކަށް ކުރާނެ އަސަރުތައް ދެނެގަތުން މުހިންމެވެ.
އުމުރުން ދުވަސްވަމުންދާ ދުނިޔެއެއްގައި އިޖްތިމާއީ ތަރަރައްގީ ހާސިލުކުރުމަށްޓަކައި، އުމުރަށް އަމާޒުކޮށްގެން އެކުލަވާލެވޭ ސްޓްރެޓެޖީތައް ތަންފީޒުކުރުމާއި، އެންމެންނަށް ހަމަހަމަ އިގުތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމާއި، ސިއްހީ ހިދުމަތްތަކާއި އިޖްތިމާއީ ރައްކާތެރިކަމަށް ހަމަހަމަކަމާއެކު ވާސިލުވުމުގެ މަގު ތަނަވަސްކޮށްދިނުމާއި، އެއްވެސް ތަފާތުކުރުމެއްނެތި މުޖުތަމައުގެ ހުރިހާ ދާއިރާއެއްގައި އުމުރުން ދުވަސްވީ މީހުން ފުރިހަމައަށް ބައިވެރިވުމަށް ބާރުއެޅުން ހިމެނޭ ސިޔާސަތުތައް އެކުލަވާލުން މުހިންމެވެ.
މި އަމާޒަށް ވާސިލުވުމުގެ ގޮތުން، އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރި، އޯގާތެރި އަދި އަޅާލުން ލިބޭ މާހައުލެއް މުޖުތަމައުގައި ގާއިމްކުރުމަށް 'އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު' ވަނީ އެކުލަވާލެވިފައެވެ. މި ސިޔާސަތުގެ މައިގަނޑު މަގުސަދަކީ އުމުރުން ދުވަސްވީ މީހުންގެ އިއްޒަތާއި ކަރާމާތް ހިމާޔަތްކުރުމާއި، އެ ފަރާތްތަކުގެ އަސާސީ ހައްގުތައް ކަށަވަރުކުރުމެވެ.
މީގެއިތުރުން އެ ފަރާތްތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމާއި، މުޖުތަމައުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު، ދުޅަހެޔޮ ސިއްހަތެއްގައި މިނިވަންކަމާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ. މި ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރެވިގެންދާ ހިނދު، އުމުރުން ދުވަސްވީ މީހުންނަކީ މުޖުތަމައުގެ އަގުހުރި، އިޙްތިރާމް ލިބޭ އަދި ފުރިހަމައަށް ބައިވެރިވާ ބައެއްގެ ގޮތުގައި ދެމިތިބުމަށް މަގުފަހިވެގެންދާނެއެވެ.
ހަމަމިއާއެކު ދިވެހިރާއްޖޭގެ އާބާދީގައި ތިބި ދޮށީ އުމުރުގެ މީހުންނަކީ އާއިލީ ލޯތްބާއި އަޅާލުމާ، އާއިލީ ގުޅުންތަކުގެ ހިތްހަމަޖެހުން ލިބޭ ބައެއްކަން ކަށަވަރުކޮށް، އާއިލާތައް ބިނާކުރުމަށް ބާރުއެޅުމުގެ މަގުސަދުގައި ދޮށީ އުމުރުގެ ފަރާތްތައް ބަލަހައްޓާ އާއިލާތަކަށް ސަރުކާރުން އަލަށް ތައާރަފްކުރާ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ޕޮއިންޓް ލިބޭނެ އުސޫލުތައް ވަނީ ކަނޑައެޅިފައެވެ.
ހަމައެގޮތަށް އިސްރަށްވެހިންނަކީ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީގޮތުން ދުޅަހެޔޮ ބައެއްކަން ކަށަވަރުކުރުމާއެކު، މުޖުތަމައުގައި އެމީހުންގެ ޝާމިލުވުން އިތުރުކޮށް ހަރަކާތްތެރި ބަޔަކަށް ހެދުމަށް، އިސްރަށްވެހިންނަށް ހާއްސަ ހަރަކާތްތަކެއް ހިންގޭނެ ޖާގަތަކެއް ތަރައްގީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެމަނިކުފާނުގެ މި ވައުދުފުޅާ އެއްގޮތްވާ ގޮތުގެމަތިން ފުރަމާލެ އަދި ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ގާއިމްކުރެވި، އިސްރަށްވެހިންނަށް ހާއްސަ ހަރަކާތްތައް ހިންގަން ފެށިފައިވާއިރު، މިއަދު މި ތަންތަން ވެފައިވަނީ އިސްރަށްވެހިން އެއްވެ އުފާވެރި ވަގުތުތައް ހޭދަކުރާ ވެއްޓަކަށެވެ. މިފަދަ ޖާގަތައް އަތޮޅުތެރޭގައި ގާއިމްކުރުމަށް ކައުންސިލްތަކާއެކު ގާތުން މަސައްކަތްކުރެވެމުންދާއިރު، ކައުންސިލްތަކުގެ ފަރާތުން މި ކަންކަމަށް ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތްކުރަމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ.
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގޭ މިފަދަ ހަރަކާތްތަކުގެ ސަބަބުން، މި މުޖުތަމައަކީ އިސްރަށްވެހިންނަށް ގަދަރުކުރާ، އެފަރާތްތަކުގެ ހިދުމަތުގެ އަގުވަޒަންކުރާ، އިސްރަށްވެހިން ކަންކަމުގައި ޝާމިލުކުރާ، އަދި އިސްރަށްވެހިންގެ ތަޖުރިބާގެ ބޭނުންހިފާ އޯގާތެރި މުޖުތަމައެއްގެ ގޮތުގައި ބިނާކުރުމަށް ބާރުލިބިގެންދެއެވެ.
ދޮށީ އުމުރުގެ މީހުންނަށް ލިބެންހުރި ފުރުސަތުތަކާއި، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެކަންކަމަށް ހައްލު ހޯދުމަށްޓަކައި، ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހެއް ފާހަގަކުރުމަށް އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާގެ (އދ) ޖެނެރަލް އެސެމްބްލީން ނިންމީ 1990 ވަނަ އަހަރުގެ ޑިސެންބަރު 14 ވަނަ ދުވަހުއެވެ. މިގޮތުން، ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ އިސްރަށްވެހިންގެ ދުވަސްކަމުގައި ކަނޑައަޅައި، ދުނިޔޭގެ ފެންވަރުގައި މި ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.
ބައިނަލްއަޤްވާމީ އިސްރަށްވެހިންގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ރަށު ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި އިސްރަށްވެހިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުން؛ އިސްރަށްވެހިންގެ އުންމީދުތައް، ދުޅަހެޔޮކަން، ޙައްޤުތައް" އެވެ. އިސްރަށްވެހިންނަކީ ޤައުމު ބިނާކުރުމުގައާއި، ތަޢުލީމީ ހަރުދަނާ ޖީލެއް އުފެއްދުމުގައި މިންނަތާއެކު މަސައްކަތްކޮށްފައިވާ މޭސްތިރިން ކަމުގައިވާތީ، އެ ފަރާތްތަކުގެ އުންމީދުތައް ހާސިލުކުރުމަށް ރަށު ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަށް މިއަހަރުގެ ޝިޢާރުން ބާރުއަޅައެވެ. އަދި އިސްރަށްވެހިންނަކީ މުޖުތަމަޢުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، ކަންކަމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، މާނަވީ ގޮތެއްގައި އިސްރަށްވެހިންގެ ދުޅަހެޔޮކަން ތަރައްޤީކުރުމަށް ރަށު ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތައް ހިންގުމަށްވެސް މި ޝިޢާރުން ބާރުއަޅައެވެ.