ރިޕޯޓް

ވަތަނީ ހިދުމަތަށް ޒުވާނުން ނެރުން، ދިވެހި ގައުމު އާރާސްތުކުރުމަށް މުހިންމު ބިންގަލެއް

ދިވެހިރާއްޖޭގެ ނެޝަނަލް ސަރވިސް ނުވަތަ ދިވެހި ޥަޡަނީ ޚިދުމަތުގެ ތަމްރީނުތަކަށް ޒުވާން ދިވެހި ދަރީންތަކެއް މިވަނީ ފުރާފައެވެ. މި ފުރުސަތަށް ހުޅުވާލުމުން 1242 ޒުވާނުން ކުރިމަތިލާފައިވާއިރު، ފުރަތަމަ ބުރުގެ ތަމްރީނުތަކަށް 343 ފަރާތެއް ވަނީ ހޮވިފައެވެ. އަދި އެފަރާތްތައް މިހާރު އެވަނީ ތަމްރީނުތައް ފެށުމުގެ ފުރަތަމަ މަރުހަލާގައެވެ.

 

ޅ. މާފިލާފުށީގައި ތިން މަސްދުވަހުގެ ތަމްރީނުތައް މިބައިވެރިން ފުރިހަމަކުރާނެއެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ މިއަހަރުގެ ޖުލައި މަހު ބާއްވާފައިވަނީ މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ.ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ. މި މަރުހަލާގައި ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކޮށްފައިވެއެވެ.

 

ރާއްޖޭގެ 107 ރަށަކުން އުމުރުން 16 އަހަރާއި 29 އަހަރުގެ 64 އަންހެންނާއި 279 ފިރިހެން ޒުވާނުން މި ތަމްރީނަށް ގޮސްފައިވާއިރު، މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއެކު ފެއްޓެވި ޕްރޮގްރާމެކެވެ.

 

އެމަނިކުފާނުގެ މަގުސަދު ވަރަށް ސާފެވެ. ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވާ އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކުރުމެވެ. އަދި ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްގީކުރުމެވެ.

 

ރައީސްގެ ވިސްނުންފުޅުގައި ހުރީ ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ހިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދިނުމާއި  ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަހުލާގާއި ސުލޫކު ރަނގަޅު، އިހުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމެވެ.

 

ހަމަމިއާއެކު ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކޮށް ދިވެހި ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުމަކީ ވެސް މަގުސަދެކެވެ.

 

އެހެންކަމަށްވާއިރު، މި މަގުސަދުތައް ފުރިހަމަވެގެން އަންނައިރު، މި ކުޑަކުޑަ ދިވެހިރާއްޖޭގެ ތަރައްގީގެ އިސްސަފުގައާއި ދިވެހި ގައުމު ދިފާއު ކުރުމުގައި ފަހަށްނުޖެހޭނެ ޒުވާނުންތަކެއް ބިނާކުރެވޭނެކަމާއިމެދު އެއްވެސް ޝައްކެތްނެތެވެ.

 


  • ޒުވާނުން
  • އެމްއެންޑީއެފް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް