ޚަބަރު ރާއްޖެ

ޕިލިޕީންސް އާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރާނަން: ޑރ. ޝަބީނާ

ރާއްޖެއިން ފިލިޕީންސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ޑރ. މަރްޔަމް ޝަބީނާ އަޙްމަދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ފިލިޕީންސް ގެ ރައީސް ހިޒް އެކްސެލަންސީ ފަރްޑިނެންޑް ރ. މާރކޮސް ޖޫނިއަރ އަށް އަރުވައިފިއެވެ.

 

އެގައުމުގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި މި ރަސްމިއްޔާތަށްފަހު، އެކަމަނާ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮއެދުންތައް ފިލިޕީންސް ގެ ރައީސް އަށް އަރިސްކުރައްވާފައެވެ.

 

މީގެއިތުރުން އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ވެސް އެރުވިއެވެ.

 

ފިލިޕީންސްގެ ރައީސްގެ ވާހަކަފުޅުގައި ސަފީރަށް މަރުހަބާ ވިދާޅުވެ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތުގައި އެކަމަނާއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ޔަގީންކަން ދެއްވިއެވެ.

 

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި ސަފީރު އަރިހުގައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ކައުންސެލަރ ހުސެއިން ޖައްހާޒު ބައިވެރިވެވަޑައިގެންނެވިއެވެ.

 


  • ފޮރިން މިނިސްޓްރީ
  • ކޮމެންޓް