ރާއްޖޭގައި ދިގުދުވުން ދުވާ ފަރާތްތަށް މުހައްމަދު އިރުފާން އެއީ އައު ނަމަކަށް ނުވާނެއެވެ. އައު މޫނަކަށް ވެސް ނުވާނެއެވެ. 'އޮއިވަރު' މިފަހަރު މިޖެހެނީ އިރުފާނެވެ. ކުރިއަށްދަމާ ހެއްޔެވެ.
އަމިއްލަ ފިޓްނެސް ހިފެހެއްޓުމަށް ޖިމްއަށް ދިޔަ އިރުފާން ކުރިން ދުވެއުޅުނީ ހަމައެކަނި ހުކުރު ދުވަހުގެ ހެނދުނުއެވެ. އެހެން އުޅެނިކޮށް ދިމާވީ ނަސްރުﷲ އަހްމަދު ނުވަތަ ނަސްރު ކޯޗާއެވެ. ދިގުދުވުންތަކަށް ހާނުވާ، އެކަމަށް ޝައުގުވެރިކަން ޖެއްސީ ނަސްރު ކޯޗެވެ.
'އޮއިވަރު' އަށް އިރުފާނު ވިދާޅުވީ ދުވަން ފެށީ 2021 ވަނަ އަހަރުގައި ކަމަށާއި ކޯޗުގެ އެހީތެރިކަމާއެކު އެއަހަރު އޮތް 30 ވަނަ އެތްލެޓިކސް ޗެމްޕިއަންޝިޕްގައި ބައިވެރިވި ކަމަށެވެ. އަދި އެ މުބާރާތުގައި 5000 މީޓަރާއި 10000 މީޓަރު ދުވުމުން ބްރޯންޒް މެޑަލް ލިބުމަކީ އިތުރަށް ކުރިއަށްދިއުމުގެ ޝައުގުވެރިކަން އުފެދުނު ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
އެހެންވެ، ހަމައެއަހަރު އޮތް ގްރޭންޑް ޕްރިކްސް ގައި ބައިވެރިވެ 3000 މީޓަރުގެ ދުވުމުން ގޯލްޑް މެޑަލް ލިބުމުން ދެން އަމާޒު ހިފީ ފުލް މެރަތަނެއް ޖެހުމަށްކަމަށް ވިދާޅުވިއެވެ. އަދި ނަސްރު ކޯޗުގެ ފުރިހަމަ އިރުޝާދުގެ އަލީގައި މާލޭގައި ޖެހި ފުރަތަމަ ފުލް މެރަތަން (މާލެވަށާ 8 ބުރު ނުވަތަ 42.195 ކިލޯމީޓަރު) ނިންމާލީ 2 ގަޑިއިރާއި 48 މިނެޓުން ކަމަށް އިރުފާނު ވިދާޅުވިއެވެ.
އިރުފާން ވަނީ ތުރުކީގައި ވެސް ދުވެފައެވެ. އަނަތާލިއާ އަށް ދުވަން ދިޔައިރު، ކޯޗުގެ އަމާޒަކަށްވީ 3 ގަޑިއިރުގެ ކުރިން ނިންމުމެވެ. ނަމަވެސް އިރުފާނު ވަނީ 2 ގަޑި 51 މިނެޓުން ނިންމާފައެވެ. މިހައިތަނަަށް ދުވެފައިވާ ދުވުންތަކަށް ބަލާއިރު، އެންމެބޮޑުކާމިޔާބީގެ ގޮތުގައި އިރުފާނު ފާހަގަކުރީ އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ހާފުމެރަތަން ދުވެ 1 ގަޑި 13 މިނެޓުން ރޭސް ފުރިހަމަކުރުމެވެ.
ފަސް ފަހަރެއްގެމަތީން ރާއްޖޭގެ ގައުމީ ޓީމުގައި ވެސް ހިމެނިފައިވާ އިރުފާން ވިދާޅުވީ މިހައިތަނަށް އެންމެ އުނދަގޫވީ 2024 ވަނަ އަހަރު ހައިދަރްއާބާދު މެރަތަންގައި ދުވަން ކަމަށެވެ. އެއީ ފަރުބަދަތަކަށް އަރާ، ފައިބަން ޖެހޭތީ ކަމަށާއި ނަމަވެސް ހާފު މެރަތަންގައި ބައިވެރިވެ 1 ގަޑި 19 މިނެޓުން ރޭސް ނިންމާލެވުނުކަން ވަނީ ފާހަގަކޮށްފައެވެ.
ނިމިގެންދިޔަ 34 ވަނަ ގައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕަކީ އިރުފާނަށް ކާމިޔާބު މުބާރާތެކެވެ. އެގޮތުން އޭނާ ވަނީ 5000 މީޓަރާއި 10000 މީޓަރުގެ ގޯލްޑް މެޑަލް ހާސިލުކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ މައިލޯ ޗެމްޕިއަންޝިޕްގެ 5000 މީޓަރު ސިލްވަރ މެޑަލްއާއި 2024 ގެ ހުޅުމާލެ ރަންގެ 5 ކިލޯމީޓަރުގެ އެއްވަނަ ވަނީ ހޯދާފައެވެ.
މީގެއިތުރުން ނިމިދިޔަ 2024 ވަނަ އަހަރުގެ އެމްވީ ރަން ގައި 5 ކިލޯމީޓަރުގެ ތިންވަނައާއި ދިރާގު ރޯޑް ރޭސް 2024 ގެ 10 ކިލޯމީޓަރުގެ ދެވަނަ ވެސް ވަނީ ހޯދާފައެވެ. އަދި ދިރާގުން ފުވައްމުލައް ސިޓީގައި ބޭއްވި ދުވުމުގައި 10 ކިލޯމީޓަރުގެ އެއްވަނަ ހޯދާފައި ވެއެވެ. އިރުފާނުގެ އިތުރު ކާމިޔާބީ އަށް ބަލާއިރު، އެމްވީ ރަން 2025 ގެ ތިންވަނަ ހުޅުމާލެ ރަން 2025 ގެ 10 ކިލޯމީޓަރުގެ ދެވަނަ ހޯދިއެވެ.
މި ހުރިހައި ކާމިޔާބީއެއް ހޯދާފައިވާ ރާއްޖޭގެ ޒުވާން ދުވުންތެރިޔާ އިރުފާން ވަނީ ކޯޗު ނަސްރުﷲ އަށް ހިފެހެއްޓުމެއް ނެތް ޝުކުރުއަދާކޮށްފައެވެ. އެގޮތުން މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ކޯޗަކީ ނަސްރުﷲ ކަމަށާއި އެތްލީޓުން ކުރިއެރުވުމަށް އަބަދު ވެސް މަސައްކަތްކުރާކަން ފާހަގަކުރިއެވެ.
މީގެއިތުރުން އިރުފާނުގެ އަންހެނުންގެ އެހީތެރިކަން ވެސް ފާހަގަކޮށް، އޭނާގެ ފަރާތުން އަބަދު ވެސް އެހީތެރިކަން ލިބޭކަމަށާއި ހާއްސަކޮށް ސިއްހަތަށް ފައިދާހުރި ކާނާކެއުމަށާއި ރިކަވަރީ ކަންތަކުގައި ދޭ އެއްބާރުލުން ފާހަގަކުރިއެވެ.
ހަމަިއާއެކު މެރަތަން ރަނަރސް މޯލްޑިވްސް އާއި އައިލެންޑް ރަނަރސް މޯލްޑިވްސް ގެ ހުރިހައި އެތްލީޓުން ދޭ އެއްބާރުލުމަށް ވެސް އިރުފާނު ޝުކުރުވެރިވެއެވެ.
"އަޅުގަނޑުގެ އެންމެބޮޑު މޯޓިވޭޝަނަކީ ބައްޕަ. ބައްޕަ މިދުނިޔޭގައި ނެތަސް ބައްޕަ ބުނެފައޮތީ (ހިތްވަރު ހުރިއްޔާ ވާނެއޭ)."
އިރުފާނުގެ މި ކާމިޔާބީތަކަށް އެމްއެންޑީއެފްގެ ލޯންގް ޑިސްޓެންސް ރަނަރސް ޓީމުގެ ހެޑް ކޯޗު ނަސްރުﷲ ވެސް ފަހުރުވެރިވެއެވެ. ވިދާޅުވީ އިރުފާނަކީ ޕޮޓެންޝަލް ހުރި އެތްލީޓެއް ކަމަށާއި ހޯދާފައިވާ ކާމިޔާބީތަކުގެ އަސްލަކީ ގަޑިއަށް ފަރުވާބެހެއްޓުމާއި ތަމްރީނުތަކަށް ދޭ އަހަންމިއްޔަތުކަން ކަމަށެވެ.