ޚަބަރު ބޭރުދުނިޔެ

އަސްކަރީ ޕްރައިވެޓް ޖެޓެއް ވެއްޓި ލީބިޔާގެ އަސްކަރީ އިސްވެރިޔާ އަވަހާރަވެއްޖެ

ލީބިޔާގެ އަސްކަރީ އިސްވެރިޔާ މުޙައްމަދު ޢަލީ އަޙްމަދު އަލް ޙައްދާދް

ލީބިޔާގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި އެގައުމުގެ އަސްކަރީ އިސްވެރިޔާ މުޙައްމަދު ޢަލީ އަޙްމަދު އަލް ޙައްދާދް އަވަހާރަވެއްޖެއެވެ.

 

ބޭރުގެ ޚަބަރުތައް ބުނާގޮތުގައި ތުރުކީގެ އަންކާރާއިން ނައްޓާލިތާ މާ ގިނައިރުތަކެއް ނުވެ، މި ޖެޓު ވެއްޓިފައިވާއިރު، މި ހާދިސާގައި އެ ބޯޓުން ދަތުރުކުރި އެންމެންވެސް ވަނީ މަރުވެފައެވެ. އޭގެތެރޭގައި ލީބިޔާގެ އަސްކަރިއްޔާގެ އިސް ހަތަރު އޮފިސަރުންނާއި މަތިންދާ ބޯޓުގެ ތިން ފަޅުވެރިން ވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

 

ފްލައިޓު ވެއްޓުމުގެ ހާދިސާ ހިނގާފައިވަނީ ތުރުކީ ގަޑިން ރޭ 8:10 ހާއިރުއެވެ. އަދި ބޯޓު ވެއްޓުނީ ނައްޓާލިތާ 40 މިނެޓު ފަހުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި އެ ބޯޓަށް ކަރަންޓުގެ މައްސަލައެއް ދިމާވެފައިވާކަމަށާއި އިމަޖެންސީގައި ބޯޓު ޖެއްސުމަށް އެދުނުކަމަށް ވެސް ބުނެއެވެ.

 

ރިޕޯޓުތައް ބުނާގޮތުގައި އެ އުޅަނދު ރާޑަރުން ގެއްލިފައިވަނީ އިމަޖެންސީގައި ޖެއްސުމަށް އުޅަނދު ތިރިކުރަމުން ދަނިކޮށްނެވެ.

 

މި ހާދިސާ ތަހުގީގުކުރަމުން އަންނައިރު، މިއީ ބަޔަކު ގަސްދުގައި ދިން ހަމަލާއެއްކަމަށް ނުބެލެވޭ ކަމަށް ދަނީ ބުނަމުންނެވެ.

 

މުޙައްމަދު ޢަލީ އަޙްމަދު އަލް ޙައްދާދް ގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން ވަރުގަދަކޮށް އެއްބާރުލުން ދިނުމާއިގުޅޭ ގޮތުން މަތީ ފެންވަރުގެ މަޝްވަރާތައް ކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.

 

 


ކޮމެންޓް