ޕެރަ ޓޭބަލް ޓެނިސް ކޯޗިންގ ކޭމްޕުގައި ކޯޗުންގެ ތަމްރީނުތައް ނިންމާ، އެތްލީޓުންނާއެކު ޓްރެއިނިންގ ތައް ފަށައިފިއެވެ.
'އޮއިވަރު' އަށް މައުލޫމާތު ދެމުން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން ބުނީ މި ޓްރެއިނިންގތައް ހަފުތާއަކު ދެ ދުވަހު ކުރިއަށްގެންދިއުމަށް ކޯޗުން އެއްބަސްވެ، އެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ފުރަތަމަ ކުރިއަށްގެންދަނީ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އޮފިޝަލުން އެތަނުގައި ތިބެގެން ތަމްރީނުތައް ކުރިއަށްގެންދިއުން ކަމަށާއި އޭރުން ރަނގަޅުކުރަން ޖެހޭ ކަންކަން ފާހަގަކުރެވި، އެކަންކަން ރަނގަޅު ކުރުމަށް ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޕެރަ ޓޭބަލް ޓެނިސް ކޯޗިންގ ކޭމްޕު ކުރިއަށްދަނީ ޖަނަވަރީ 17 ން 21 އަށެވެ. މި ކޭމްޕަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޕެރަ-ސްޕޯޓްސް ފުޅާކޮށް، ހދ. އަތޮޅުގެ ކޯޗުންނާއި ކުޅިވަރަށް ޝައުޤުވެރިވާ ފަރާތްތަކަށް ފެންވަރު ރަނގަޅު ތަމްރީނުތަކެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ކޭމްޕެކެވެ.
މީގެމަގުސަދުތަކުގެ ތެރޭގައި ކުޅިވަރުގެ ދާއިރާގައި އެންމެންގެ ބައިވެރިވުން ހިމެނޭނެ ފަދަ ދެމެހެއްޓެނިވި ބިންގަލެއް އެޅުމާއި، ރާއްޖެ ތަމްސީލުކުރާނެ ޕެރަލިމްޕިކް ހުނަރުވެރި ކުޅުންތެރިން ބިނާކުރުން ހިމެނެއެވެ.
މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން ބުނީ މިއީ އެ ސަރަހައްދުގެ ކުޅުންތެރިންނަށް ފަހިކޮށްދިނުމަށް ހަމަޖެހިފައިވާ ގިނަ ފުރުސަތުތަކުގެ ތެރެއިން ފުރަތަމަ ފުރުސަތު ކަމަށެވެ. އަދި މި ކޭމްޕުން ފެނިގެންދާ ރާއްޖޭގެ ހުނަރުވެރި ކުޅުންތެރިންގެ ސަބަބުން، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ކުޅިވަރުގެ މުސްތަގުބަލު އިތުރަށް އުޖާލާވެ، އެންމެންގެ ބައިވެރިވުން އޮންނަ ވާދަވެރި މާހައުލެއް ބިނާވާނެކަމުގައި ވެސް ބުނެއެވެ. އަދި އެންމެން ގުޅިގެން މަސައްކަތް ކުރަނީ އެންމެހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާނެ ކުޅިވަރުގެ މުޖުތަމައެއް ބިނާކުރުމަށް ކަމުގައި ވެސް ބުނެއެވެ.