ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ 'މޯލްޑިވްސް ސްޕޯޓްސް އެވޯޑު' މިއަހަރުގެ ފެބްރުއަރީ 15 ގައި ބޭއްވުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު ޕީއެސްއެމް ނިއުސް އާ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މި އެވޯޑު ހަފުލާ އަށް ތައްޔާރުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށާއި މިފަހަރުގެ އެވޯޑު ހަފުލާގައި ތަފާތުތަކެއް ފެންނާނެ ކަމަށެވެ. އެގޮތުން އެވޯޑު ލިބޭ ފަރާތަށް ސެޓްފިކެޓް ވެސް ދޭނެ ކަމަށާއި ބޭނުމަކީ އެ ކުޅުންތެރިންގެ ޕްރޮފައިލްގައި އެކަން ހިމެނުމަށް ފަސޭހަކުރުން ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އެވޯޑު ދިނުމުގެ ކަންކަން، އެސޯސިއޭޝަންތަކާ ގުޅިގެން ވަރަށް ބާރަށް ކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިހާރުކުރިއަށް ދަނީ މައުލޫމާތު އެއްކޮށް، ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކަމަށެވެ.
ރާއްޖޭގެ ކުޅިވަރު އާއިލާއިން ބޮޑު އިންތިޒާރުކުރާ މި ހަފުލާ ބޭއްވުމަށް ނިންމާފައިވަނީ ފެބްރުއަރީ 15 ގައި އިޖުތިމާއީ މަރުކަޒުގައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނަމުގައި ހަފްލާއެއް އެންމެފުރަތަމަ ބާއްވާފައިވަނީ 2022 ވަނަ އަހަރުއެވެ.