ބީފާން 2026 ވޮލީ މުބާރާތް ނިމުމުގެ ރަސްމިއްޔާތި ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް

ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީގައި ކުރިއަށްދާ ''ބީފާން 2026'' ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

 

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގދ. ފިޔޯރީ ވޮލީ ކޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ގދ. ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދާއި ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ގެ ރައީސް ޙުސައިން ފަޔާޒެވެ.

 

މިރޭ ކުޅުނު މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗުގައި ވާދަކުރީ ފުވައްމުލަކުގެ އެކުވެރި ފުނާޑު ޓީމާއި، ފިޔޯރީ ވޮލީބޯޅަ ޓީމެވެ. މި މެޗު 1 ސެޓު 3 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދީ އެކުވެރި ފުނާޑް ޓީމެވެ.

 

މި ރަސްމިއްޔާތުގައި ''ބީފާން 2026'' ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޗެމްޕިއަން ޓީމަށް މެޑަލް އަދި ތަށި ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

 

ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލް އިދާރާއިން އިސްނަގައިގެން، ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމްޢިއްޔާއިން އިންތިޒާމުކޮށް، ރާވާ ހިންގާ ''ބީފާން 2026'' ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

 


  • ވޮލީ
  • ނައިބު ރައީސް
  • ގދ. އަތޮޅު
  • ކޮމެންޓް