ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށާއި ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ބޯނަހުގެ ގޮތުގައި 1 މިލިއަން ރުފިޔާ ދިނުމަށް ނިންމައިފިއެވެ.
ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު، މިކަން ހާމަކުރައްވާ ވިދާޅުވީ ރައީސް މިގޮތަށް ނިންމެވީ ފައިބެއަހަރުގެ އޮކްޓޯބަރު 2 ގައި ގައުމީ ޓީމާއެކު ސިޓްރޮން ރެސްޓޯރެންޓުގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
އެހެންކަމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުންނާއި ގައުމީ ފުޓްބޯޅަ ޓީމުން ފައިބެއަހަރު ބޭއްވި ސުޕަރ ކަޕްގެ ޗެންޕިއަންކަން ހޯދުމާގުޅިގެން އެއް މިލިޔަން ރުފިޔާގެ ބޯނަހެއް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ބޯނަސް ދޭނީ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް މުޅި ޓީމަށް ކަމަށާއި ފައިސާ ހަވާލުކުރާނީ ފުޓުބޯޅަ އެސޯސިއޭޝަން މެދުވެރިކޮށް ކަމަށެވެ.
ސްރީލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ ސައުތު އޭޝިއަން ސުޕަރ ކަޕް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ ލަންކާއާ ދެކޮޅަށް އެގައުމުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް، އަނެއް މެޗު އެއްވަރުކޮށްގެންނެވެ. ރާއްޖޭން ފުރަތަމަ މެޗު 3-0 ން މޮޅުވިއިރު، ދެ ވަނަ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި އެފަހަރު ޗެމްޕިއަންކަން ކަނޑައެޅީ އެގްރިގޭޓުންނެވެ.
މީގެއިތުރުން ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖެ ވަނީ ހޯދާފައެވެ. ފަހުރުވެރި މި ކާމިޔާބީ ގައުމީ ޓީމުން ހޯދީ އެއްވެސް މެޗަކުން ބަލިނުވެ އަދި ބާކީ އެއް މެޗު ވެސް އޮއްވައެވެ.