ލަސްވޭގަސް ޓްރެވަލް އެޖެންޓް ފޯރަމްގައި ބައިވެރިވުމަށް ހުޅުވާލައިފި

ލަސްވޭގަސް ޓްރެވަލް އެޖެންޓް ފޯރަމް 2026 ގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ހުޅުވާލައިފިއެވެ.

 

މި ފޯރަމް ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ މެއި މަހުގެ 12 އިން 15 އަށް އެމެރިކާގެ ލަސްވޭގަސްގެ ޕެރިސް ލަސްވޭގަސް ހޮޓެލް އެންޑް ކެސީނޯގައެވެ.

 

މިއީ އެމެރިކާ އާއި ކެނެޑާގެ 1،000 އަށްވުރެ ގިނަ، ފާހަގަކޮށްލެވޭ ޓްރެވަލް އެޑްވައިޒަރުން ބައިވެރިވާ ބީ.ޓު.ބީ (B2B) އުސޫލުން ކުރިއަށްގެންދާ ބޮޑު ހަރަކާތެކެވެ. މީގެތެރޭގައި ދުރު މަންޒިލްތަކަށާއި ލަގްޒަރީ ފަތުރުވެރިކަމަށް މީހުން ފޮނުވުމުގައި ނުފޫޒުގަދަ، އަދި ވިޔަފާރީގެ ރަނގަޅު ރެކޯޑްތަކެއް އޮތް އެޖެންޓުން ހިމެނެއެވެ.

 

މި ފޯރަމަކީ އުތުރު އެމެރިކާގެ ޓްރެވަލް އެޑްވައިޒަރުންނާ ސީދާ ބައްދަލުކޮށް، ކުރިއާލާ ރޭވިފައިވާ ވަކިވަކި ބައްދަލުވުންތަކާއި، މަޝްވަރާ ބައްދަލުވުންތަކާއި ނެޓްވޯކިންގ ސެޝަންތަކުގެ ޒަރީއާއިން ގުޅުން ބަދަހިކުރުމަށް ލިބޭ ވަރަށް ފަހި ފުރުސަތެކެވެ.

 

އެމެރިކާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާއިރު، އިސްތިރާޖީ ގޮތުން ނުހަނު މުހިންމު މާކެޓެކެވެ. މަޓާޓޯގެ ސަރކިއުލާގައި ފާހަގަކޮށްފައިވާ ފަދައިން، އެމެރިކާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެހެންކަމުން، އުތުރު އެމެރިކާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށްޓަކައި މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

 

މި ފޯރަމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ފަރާތްތަކުގެ ކަންކަން ވިލަރެސްކޮށް، އިސްކޮށް ހަރަކާތްތެރިވާނީ މަޓާޓޯއިންނެވެ. މި ދައުރުގެ ދަށުން މަޓާޓޯއިން އިވެންޓް އިންތިޒާމުކުރާ ފަރާތްތަކާ ގުޅުން ބަހައްޓައި، ބައިވެރިން ރެޖިސްޓްރީ ކުރުމުގެ ކަންކަން ހަމަޖައްސައިދިނުމުގެ އިތުރުން، މި ފޯރަމުގައި ރާއްޖޭގެ ފަރާތުން ފަންނީ އަދި ފުރިހަމަ ތަމްސީލުތަކެއް ދެއްކުމަށް މަސައްކަތް ކުރާނެއެވެ.

 

މި ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު ރިސޯޓުތައް، ހޮޓެލް ގްރޫޕްތައް، ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތައް (DMC)، ޓްރެވަލް އެޖެންޓުން، ލިވްއެބޯޑް އޮޕަރޭޓަރުން، އެއާލައިންތައް އަދި ފަތުރުވެރިކަމުގެ ދާއިރާގެ އެހެނިހެން ޚިދުމަތްދޭ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ. ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް، އެކި ފަންތީގެ ބޫތުތަކާއި ޕެކޭޖްތައް މަޓާޓޯ އިން ވަނީ ބަޔާންކޮށްފައެވެ.

 

އެހެންކަމުން މި ފޯރަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން https://www.matato.org/lvtaf-2026 މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

 


  • މަޓާޓޯ
  • ކޮމެންޓް