ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖޭގައި ގާއިމުކޮށްފައިވާ އޭޓީއެމް ވިއުގަ އިތުރަށް ހަރުދަނާކޮށްފިއެވެ.
އެގޮތުން ކ. ތިލަފުށީގައި ސެލްފް-ސަރވިސް ބޭންކިންގ އޭޓީއެމް ހިދުމަތް ގާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުއާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އާއި ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލް އިން މިއަހަރުގެ ތެރޭގައި އިތުރު ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތަކާއި ބްރާންޗްތައް އަދި އޭޓީއެމްތައް ގާއިމުކޮށް ބޭންކުގެ ހިދުމަތް އިތުރަށް ފުޅާކުރާނެއެވެ. މީގެތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭރު ފައިސާއަށް ވާސިލުވުމަށް އިތުރަށް ފަސޭހަކޮށްދިނުމަށް 70 އަށްވުރެ ގިނަ ޑޮލަރު އޭޓީއެމް ގާއިމުކުރާނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރަމުންދާއިރު، އޭޓީއެމް ވިއުގަ އިތުރަށް ފުޅާކުރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި ތިލަފުށީގައި ގާއިމުކުރި ސެލްލް ސަރވިސް އޭޓީއެމް އިން ދައްކުވައިދެނީ ވިޔަފާރި މުޖުތަމައުތަކަށް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދިނުމަށް އެ ބޭންކުން ދޭ އަހުމިއްޔަތުކަން ކަމުގައެވެ.
"2026 ވަނަ އަހަރު ޚިދުމަތް ފުޅާކުރުމަށް ރާވާފައިވާ ކަންކަމައިގެން އަޅުގަނޑުމެން ކުރިއަށް ދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ކަސްޓަމަރުންނަށްވެސް ފަސޭހަ އަދި އަގުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން މުހިންމު އިސްކަމެއް ދޭ ކަމެއް."
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކާއި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.