ކުޑަހުވަދޫގައި ޕޭޕަރލެސް އޭޓީއެމްގެ ހިދުމަތް ބީއެމްއެލް އިން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. ކުޑަހުވަދޫގައި އާ ބްރާންޗެއް ރަސްމީކޮށް ހުޅުވައިފިއެވެ.

 

މިއީ ބޭންކިންގް ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ގާއިމުކުރުމަށާއި އަތޮޅުތަކުގެ އިގްތިސާދީ ކުރިއެރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

 

އާ ބްރާންޗް ހުޅުވާފައި ވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރުއާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއާއި ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

އަލަށް ބިނާކުރި މި ބްރާންޗް ހުޅުވުމާއެކު ކުޑަހުވަދޫގައި މިހާރު ހުރި ބްރާންޗްގެ މަސައްކަތްތައް އާ ބްރާންޗަށް ބަދަލުކުރެވުގެންދާނެ އެވެ. މީގެ ސަބަބުން ކުޑަހުވަދޫއާއި ކައިރި ރަށްތަކުގެ އިތުރުވަމުންދާ ބޭންކިންގް ބޭނުންތަކަށް އެހީތެރިވެދީ، ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.

 

ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ކުޑަހުވަދޫގައި ހުޅުވުނު އާ ބްރާންޗަކީ ރަށްތަކުގެ އިންފްރާސްޓްރަކްޗަރއަށް ކުރާ އިންވެސްޓްމަންޓާއި، ޒަމާނީ ބޭންކިންގް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތައް ދައްކުވައިދޭ ކަމެއް ކަމަށެވެ.

 

މީގެއިތުރުން މި ޕޭޕަރލެސް ބްރާންޗުން ޚިދުމަތްތައް ދޭނީ ޑިޖިޓަލްކޮށް ކަމަށާއި މީގެ ސަބަބުން ކަސްޓަމަރުންނަށް ބޭންކިންގް ޚިދުމަތްތައް ހޯދުމުގައި އިތުރު ފަސޭހަކަމާއި ހަލުވިކަން ލިބިގެންދާނެ ކަމަށެވެ. އަދި މި ބްރާންޗުގެ ސަބަބުން މި ސަރަހައްދުގެ އާންމު ފަރުދުންނާއި، އާއިލާތަކާއި ވިޔަފާރިތަކަށް ޚިދުމަތް ދިނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

 

މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 12 ބްރާންޗެއް ހުޅުވުމަށް ބޭންކުން ވަނީ ނިންމައިފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

 


  • ދ. އަތޮޅު
  • ބީއެމްއެލް
  • ކޮމެންޓް