ޚަބަރު ރާއްޖެ

ކައުންސިލު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހަމަވަނީ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތު މިއަދު ހަމަވާނެއެވެ.

 

އިލެކްޝަންސް ކޮމިޝަންގެ މައުލޫމާތަށް ބަލާއިރު، މި ދެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅޭނެ ސުންގަޑިއަކީ މިއަދު ހަވީރު 5:30 އެވެ. އަދި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެ ފަރާތެއްގެ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓް މެދުވެރިކޮށް މައި ޕޯޓަލް  my.elections.gov.mv މެދުވެރިކޮށްނެވެ.

 

އީސީގެ ތަފާސްހިސާބުން ދައްކާގޮތުގައި ރޭ 8:00 ގެ ނިޔަލަށް އިންތިހާބަށް3,498  ފޯމު ކޮމިޝަނަށް ވަނީ ލިބިފައެވެ. އެއީ ކައުންސިލް އިންތިހާބަށް އެދި 1,914 ފޯމު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަށް 1,585 ފޯމެވެ.

 

އިންތިހާބަށް ކުރިމަތިލުން އޮންލައިން ނިޒާމަކަށް ބަދަލުކުރީ އީސީން ފޯރުކޮށްދެމުންދާ ހިދުމަތްތައް ލުއިފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ކޮމިޝަނުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރެވުނު މަސައްކަތުގެ ބައެއްކަމުގައި ބުނެއެވެ. އެގޮތުން މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މި އައު ނިޒާމަށް ރައްޔިތުންގެ އިތުބާރުލިބި، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

 

އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރީގެ އިންތިޚާބުތަކާ އަޅާބަލާއިރު، މިފަހަރު އިންތިހާބުކުރާ މަގާމުގެ އަދަދު މަދުވި ނަމަވެސް، ކުރިމަތިލާފައިވާ މީހުންގެ ނިސްބަތް ކުރީގެ އަހަރުތަކަށްވުރެ އިތުރުކަން ފާހަގަކޮށްފައެވެ. މީގެއިތުރުން އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހަޅާއިރު، ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ކޯޓު ހުކުމާ އެއްގޮތަށް އެ ދަރަނި ޚަލާސްކޮށްފައިވާކަން ނުވަތަ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާ ފަރާތެއްކަން އެނގޭނެ ކަމާބެހޭ އިދާރާއަކުން ދީފައިވާ ލިޔުން ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އެދެއެވެ. 

 

ހަމަމިއާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން އިންތިހާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރިކޯޑު ފަދަ ލިޔެކިއުންތައް ވެސް ހުށަހަޅަންވާނެކަމަށް ބުނެއެވެ.

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އެޕްރީލް 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް 11 ވާ ހޮނިހިރު ދުވަހުއެވެ.

 


  • ލޯކަލް ކައުންސިލް އިންތިހާބު
  • އިލެކްޝަންސް ކޮމިޝަން
  • ކޮމެންޓް