ޚަބަރު ރާއްޖެ

ދިވެހި ވަތަނީ ހިދުމަތުގެ 2 ވަނަ ބެޗް ރަސްމީކޮށް އިފްތިތާހުކޮށްފި

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ނުވަތަ ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބެޗު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

 

ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތެއްގައި މި ބެޗު ރަސްމީކޮށް އިފްތުތާހުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

 

ޖަނަވަރީ 31 ން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ބެޗުގައި ރާއްޖޭގެ 112 ރަށަކުން 350 ދަރިވަރުން ބައިވެރިވެއެވެ. އެއީ 286 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ.

 

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާހީ ތަގުރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ގައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި އެއީ ޒުވާނުން ތަރައްގީކޮށް، ޒުވާނުން ބާރުވެރިކުރުވުމަށް ފެއްޓެވި ޕްރޮގްރާމެކެވެ. އަދި މިއީ ގައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގާ ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތުގައި ހިންގާ ޕްރޮގްރާމެކެވެ.

 

މި ތަމްރީނުގައި ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތައުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދޭނެއެވެ. ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. އަދ ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްއާއި ކޭމްޕް ހަރަކާތްތައް ދަސްކޮށްދޭނެއެވެ.

 

ހަމަމިއާއެކު އަސްކަރީ ތަމްރީނުގެ ހަރަކާތް ތައާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވެއެވެ. ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރާ ދަރިވަރުންނަށް، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ދެވޭނެއެވެ.

 


  • ދިވެހި ވަޠަނީ ޚިދުމަތް
  • އެމްއެންޑީއެފް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް