ޚަބަރު ރާއްޖެ

ކުނިތަކެއްގައި ރޯވި އަލިފާން ނިވުނީ ގުދަނަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމަށްފަހު!

ހުޅުމާލޭ ޗަނބޭލީ 5 ގޯޅިތެރޭގައި ހުރި ލޮޓް ނަންބަރ 11154 ގޭގައި ހުރި ގުދަނެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

 

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 3:30 ހާއިރު ކަމަށާއި ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވާލެވުނީ 3:40 ހާއިރު ކަމަށެވެ.

 

އަލިފާން ރޯވެފައި ވަނީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައެވެ. އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންގއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް އެ އިދާރާ އިން ބުނެއެވެ.

 

މީގެއިތުރުން އިމާރާތުގައި ކަރަންޓު ނެތުމުގެ ސަބަބުން އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމުގައި ވެސް ބުނެއެވެ.

 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ.

 


  • ހުޅުމާލެ
  • އަލިފާން
  • އަލިފާނުގެ ހާދިސާ
  • އެމްއެންޑީއެފް
  • ކޮމެންޓް