ޚަބަރު ރާއްޖެ

ބޮންޑުގެ މައްސަލައިގާ އިނާޒު އިސްތިއުފާ ދެއްވައިފި

ޕެންޝަން އޮފީސް ޗެއަރމަންގެ މަގާމުގައި ހުންނެވި އަހުމަދު އިނާޒް އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

 

އެ މަގާމުން މިއަދު އިސްތިއުފާ ދެއްވަމުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ފައިސާ ޗާޕުކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، މަޝްވަރާގެ ތެރެއިން އެދެވޭ ނަތީޖާއެއް ނިކުމެފައި ނުވާކަން ފާހަގަކުރައްވާފައެވެ.

 

މީގެއިތުރުން ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން ހުށަހެޅި 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ދެމެހެއްޓެނިވި ހައްލެއް ފެންނަން ނެތް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

 

އިނާޒު އިތުރަށް ވިދާޅުވީ އެމްއެމްއޭ މެދުވެރިކޮށް ހިންގަން އުޅޭ މި މުއާމަލާތަކީ ފަންނީ ގޮތުން ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީ އެ ސަބަބަށްޓަކައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

ފައިސާ ޗާޕުކުރުމާ ގުޅޭ މި މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުން ކަމަށްވާ އަޝްރަފް ރަޝީދާއި އަހުމަދު ސަރުވަޝް އާދަމް އާއި އެ އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު ހައްވާ ފަޖުވާ ވެސް ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ.

 


  • އެމްއެމްއޭ
  • ޕެންޝަން އޮފީސް
  • ކޮމެންޓް