ޚަބަރު

ގްލޯބަލް ރިސައިކަލިންގ ޑޭއާ ގުޅިގެން ޓިކްޓޮކް މުބާރާތެއް އެމްއެމްސީން ބާއްވަނީ

ގްލޯބަލް ރިސައިކަލިންގ ޑޭއާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ޓިކްޓޮކް ޕްލެޓް ފޯމަށް ހާއްސަކޮށްގެން މުބާރާތެއް ހުޅުވައިލައިފިއެވެ.

 

"ގެޓް ކްރިއޭޓިވް ގޯ ގްރީން އެންޑް ވިން ބިގް" ނަމުގައި މި މުބާރާތް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަަލަށް ކުރިއަށްދާއިރު، ބައިވެރިވުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. އަދި ހުރިހާ އުމުރު ފުރާތަކަށް ވެސް ބައިވެރިވެވޭނެއެވެ.

 

އެމްސީސީން ވިދާޅުވީ މި މުބާރާތުގައި ވާދަކުރުމަށް ކޮންމެ ބައިވެރިއަކު ވެސް އާންމު ދިރިއުޅުމުގައި ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ފަދަ އެއްޗެއް، ރިސައިކަލް ކުރެއްވުމަށްފަހު، #RecycleWithMaleCity  ޖެއްސެވުމަށް ފަހު، އެފަރާތެއްގެ އަމިއްލަ ޓިކްޓޮކް އެކައުންޓަށް އަޕްލޯޑް ކުރުމުން މުބާރާތުގައި ވާދަކުރެވޭނެ ކަމަށެވެ.

 

މި މުބާރާތުގައި ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ އެންމެ ގިނަ ޝެއާރ ލިބޭ ފަރާތެއް ބެލުމަށް ފަހު ކަމަށާއި އެއްވަނަ އަށް ދާ ފަރާތަށް، 6000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. އަދި ދެވަނަ އަށް 4000 ރުފިޔާ ލިބޭއިރު، ތިންވަނަ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

 

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، ރިސައިކަލިންގ ޑޭއަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން މުހިއްމު ދުވަހެކެވެ. ދުނިޔެ ތަރައްގީވެ، ދިރިއުޅުމަށް ބޭނުންކުރާ ތަކެތި ގިނަވުމުން އުކައިލަންޖެހޭ ތަކެތި ވެސް ދަނީ އިތުރުވަމުންނެވެ.

 

ކުނި ނައްތައިލުމަކީ މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ، ގޮންޖެހުން ބޮޑު، ގިނަ ހަރަދު ކުރަންޖެހޭ މަސަކަތަކަށް ވެފައިވާއިރު، ކުނީގެ ގޮތުގައި އުކައިލަންޖެހޭ ވަރަށް ގިނަ ބާވަތުގެ ތަކެއްޗަކީ ރީސައިކަލް ކޮށްގެން ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ ތަކެއްޗެވެ.

 

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ރިސައިކްލިން ޑޭއަކީ، ކޮންމެ އަހަރެއްގެ ވެސް މާރޗު މަހުގެ 18 ވަނަ ދުވަހެވެ.

 


  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް