ކުރަނގި އޮޕަރޭޝަންގައި ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި

'ކުރަނގި' އޮޕަރެޝަނުގައި މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފިއެވެ.

 

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭ މައްސަލަ ބޮޑުވެ ރެގިއުލޭޓްކުރުމަށްޓަކާ ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށީ ފައިބެއަހަރު މެއި މަހުގެ 2 ވަނަ ދުވަހުއެވެ.

 

މި މަސައްކަތުގެ ދަށުން ފާއިތުވި 10 މަސް ތެރޭގައި މައުލޫމާތު އެއްކުރެވުނު 1،00،000 ބިދޭސީންގެ ތެރޭގައި މާލެ ސަރަހައްދުން އެކަނި ވެސް 65،000 ބިދޭސީން ހިމެނެއެވެ.

 

މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ މުއްދަތުގައި ވެސް ކުރެވުނު މަސައްކަތާ އަޅާބަލާއިރު، މިއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެގޮތުން މިދިޔަ ފަސް އަހަރު އެއްކުރެވިފައި ވަނީ 40،000 ބިދޭސީންގެ މައުލޫމާތުކަން ތަފާސްހިސާބުތަކުން ފެންނަން އެބަހުއްޓެވެ.

 

ބިދޭސީންގެ މައްސަލަ މިހާ ގޯސްވެފައިވަނީ މީގެކުރިން ސަރުކާރުތަކުން މި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާތީކަމަށް ހޯމް މިނިސްޓްރީން ދަނީ ވިދާޅުވަމުންނެވެ. އަދި ކުރަނގި އޮޕަރޭޝަން ނިމޭއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް ސަރުކާރުން ދެކެއެވެ.

 

މީގެއިތުރަށް ރާއްޖެއަށް ބިދޭސީން ގެނައުމުގައި މިހާރު އޮތް ދަތިކަން ވެސް ފިލާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

 

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ހޯމް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް މިވަގުތު ކުރަމުން އަންނައިރު، ހުޅުމާލެ ފޭސް 1ގެ ރެހެންދި ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

 

މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީ ވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.

 

ގްރޭޓަރ މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، ވަޒީފާ ދޭ ފަރާތްތަކަށް ހޯމް މިނިސްޓްރީން އެންގީ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ.

 

ވަޒީފާދޭ ފަރާތްތަކާ ގާތުން އަދި އަވަހަށް ކުރަނގި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް މާރޗް 6 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ދުވަހު، (ހުކުރު ދުވަސް ފިޔަވައި) ރޭގަނޑު 9:39 ންމެންދަމު 12:30 އަށް ހުޅުމާލެ ފޭސް 1ގެ ރެހެންދި ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށެވެ.

 

ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަރޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމަށް އެން.ސީ.އައި.ޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރާއި ނޯތު ހާބަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ޑެސްކާއި ކަލާފާނު ސްކޫލް ހޯލުގައި ބައޯމެޓްރިކްސް ނެގުމަށް މާރޗް 9 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ދުވަހު، (ހުކުރުދުވަސް ފިޔަވައި) ހެނދުނު 9:30ން ހަވީރު 4 ޖަހަންދެން އަދި ރޭގަނޑު 9:30 ން 11:30 އަށް ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމްތައް ހަމަޖެހިފައިވެއެވެ.

 

ރިޒޯޓްތަކާއި ސަފާރީތަކާއި، ދަނޑުވެރިކަން ކުރުމަށް ހާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައާއި އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުގެ ކުރިން އެން.ސީ.އައި.ޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރ ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.

 

މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލުމަށް މިހާރު ވަނީ ނިންމާފައެވެ.

 


  • ބިދޭސީން
  • ހޯމް މިނިސްޓްރީ
  • ކޮމެންޓް