އިންޑިއާގެ ކްރިކެޓް ޓީމު މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) ހަމަޖައްސައިފިއެވެ.
މިކަމާއިގުޅިގެން އެމްއެމްޕީއާރުސީން ވިދާޅުވީ މިއީ ވިޒިޓް މޯލްޑިވްސްއިން އިންޑިއާ މާކެޓަށް އަމާޒުކޮށްގެން ހެދި މިފަދަ ބޮޑު ފުރަތަމަ ޕާޓްނަރޝިޕް ކަމަށެވެ. އަދި މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް ސޯސް މާކެޓުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ބަލާ ކުޅިވަރަކީ ކްރިކެޓުކަމުގައިވާއިރު، ކްރިކެޓަކީ ޑިސްޕޯޒެބަލް އިންކަމް ބޮޑު އޯޑިއަންސެއް ލިބިފައިވާ ކުޅިވަރެކެވެ. އެހެންކަމުން މި ޕާޓްނަރޝިޕަކީ އިންޑިއާ އާއި ބައިނަލްއަގްވާމީ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ބްރޭންޑް ހަރުދަނާކުރުމަށް އަޅާ ސްޓްރެޓެޖިކް ފިޔަވަޅަކަށް ވާނެ ކަމަށް ވެސް ވިދާޅުވެއެވެ.
ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މުމްބާއީ އިންޑިއަންސް އަކީ އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ އަގުހުރި ފްރެންޗައިޒް ކްރިކެޓް ޓީމެވެ. އިންޑިއާއަކީ ރާއްޖޭގެ އެއް ޓޮޕް ސޯސް މާކެޓަކަށް ވުމުން، މި ޕާޓްނަރޝިޕުން އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށްދޭނެ ކަމަށް އެމްއެމްޕީއާރްސީން ދެކެއެވެ. އަދި ބްރޭންޑް ހޭލުންތެރިކަން އިތުރުކޮށް، އިންޑިއާގެ އެކި ސިޓީތަކުގައި ފޯރި އުފެއްދޭނެ މަގަކަށް ވެސް މި ޕާޓްނަރޝިޕް ވެގެންދާނެކަމަށް ވިދާޅުވެއެވެ.
މީގެއިތުރުން ވިޒިޓް މޯލްޑިވްސްއިން 2025 ވަނަ އަހަރު އިންޑިއާގެ 200،000 ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފަައިވާ އަމާޒަށް ވާސިލުވުމަށް މި އެއްބާރުލުމުން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ހަމަމިއާއެކު މި ޕާޓްނަރޝިޕްގެ ތެރެއިން ވިޒިޓް މޯލްޑިވްސްއިން މުމްބާއީ އިންޑިއަންސްއާއެކު ޑިޖިޓަލް ޕްރޮމޯޝަންތަކާއި، އޮން ގްރައުންޑް އެކްޓިވޭޝަންތަކާއި، ރާއްޖެ އަކީ އެންމެ މަގްބޫލް ލަގްޒަރީ ޓްރެވަލް މަންޒިލުގެ ގޮތުގައި ފާހަގަކޮށްދޭ އެކްސްކްލޫސިވް ތަޖުރިބާތައް ހިމެނޭ ގޮތަށް ޝައުގުވެރި ކެމްޕޭންތަކެއް ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއާއެކު ކްރިކެޓް ސަޕޯޓަރުންނާއި ފަތުރުވެރިންނަށް ވެސް ރާއްޖޭގެ ސާފު ގޮނޑުދޮށްތަކާއި ދުނިޔޭގެ ފެންވަރުގެ ރިސޯޓްތަކާއި ދިވެހިންގެ މެހެމާންދާރީ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.