ދިރާގުގެ 37 ވަނަ އަހަރީ ދުވަހާއި ހަމައަށް ވާސިލުވީއިރު ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މޭސްތިރިއެއްގެ ގޮތުން ހޯދައިފައިވާ ކާމިޔާބީތައް ފާހަގަކުރަމުން، މި ދުވަހުގެ މުނާސަބަތުގައި ދިރާގުން ކަސްޓަމަރުންނަށް ހާއްސަ އޮފަރތަކެއް ތައާރަފްކޮށްފިއެވެ.
މި އޮފަރތައް އިއުލާނުކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ.
ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ ޢަލީ ރިޔާޒު ވިދާޅުވީ މިއަދާއިހަމައަށް އެ ކުންފުންޏަށް ހޯދައިފައިވާ ކާމިޔާބީތަކާ ހަމައަށް ވާސިލުވުމަށް ކުންފުނީގެ ހީވާގި މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި މިދަތުރުގެ ބައިވެރިން ކަމުގައިވާ އެ ކުންފުނީގެ ކަސްޓަމަރުންނަށް ވެސް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތައް ގުޅުވާލައި، ބާރުވެރިކޮށް، އެންމެ ރަނގަޅު ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
"ދިރާގަށް 37 އަހަރު ފުރުމުގެ މުނާސަބަތުގައި ކަސްޓަމަރުންގެ އަގު ވަޒަންކޮށް މި އުފަލުގައި ބައިވެރިކުރުމުގެ މަގުސަދުގައި މި ވަނީ ހާއްސަ އޮފަރތަކެއް ތައްޔާރުކޮށްފަ"
ދިރާގުގެ 37 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައާރަފްކޮށްފައިވާ އޮފަތަކަކީ:
• 37ޖީބީ ހިލޭ، 24 ގަޑީރަށް: ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 1 އޮކްޓޫބަރު 2025ވަނަ ދުވަހުގެ 10:00 އިން 18:00 އާ ދެމެދު *225# އަށް ޑައިލްކޮށްގެން 24 ގަޑިއިރަށް 37ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ.
• ދިރާގު x އައިސިކް: ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންނަށް ފަރުމާކޮށްފައިވާ މި ޕްލޭން މެދުވެރިކޮށް އައިސިކް އަދި ދިވެހި ޕަރޓްނަރުންގެ ފަރާތުން ހާއްސަ އޮފަރތަކާއި، ޓެލެކޮމް އިނާޔަތްތައް ލިބިގެންދާނެއެވެ. މި ޕްލޭނަށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ސަބްސްކްރައިބް ކުރެވޭނެއެވެ.
• އާއިލާއަށް ހަދިޔާ ދީގެން ހަދިޔާއެއް: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، ދިރާގުއެޕް މެދުވެރިކޮށް އާއިލާގެ ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
• ދިރާގު ނެޓްޕްރޮޓެކްޓް: އޭއައިގެ އެހީތެރިކަމާއެކު އިންޓަރނެޓްގެ ރައްކާތެރިކަން އެންމެ 35 ރުފިޔާއިން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ހިދުމަތް ދިރާގުއެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ.
މި އޮފަރތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް www.dhiraagu.com.mv
ދިރާގުން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން 1988 އިން ފެށިގެން ދިރާގުން ވަނީ ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ބިނާކުރުމުގެ މުހިންމު ދައުރު އަދާކޮށްފައެވެ.
އެ ކުންފުނިން ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް 100 އިންސައްތަ މޮބައިލް ކަވަރޭޖް ފޯރުކޮށްދީ، ޒަމާނީ ހިދުމަތްތައް ތައާރަފްކޮށްފައެވެ. މީގެތެރޭގައި ރާއްޖެއަށް 5ޖީގެ ހިދުމަތް ތައާރަފްކޮށް، މި ހިދުމަތްވަނީ ރާއްޖޭގެ އާބާދީގެ 70 އިންސައްތަ އަށް ފުޅާކޮށްފައެވެ. އަދި ރާއްޖޭގެ 100 އިންސައްތަ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައިބަރ ބްރޮޑްބޭންޑްގެ ހިދުމަތް ވެސް ވަނީ ފޯރުކޮށްދީފައެވެ.